ޚަބަރު

ޕޮމްޕެޔޯގެ ދަތުރުފުޅުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ދިފާޢީ ބާރުން ކުރި މަސައްކަތްތަކަށް ތަޢުރީފް


އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރުފުޅާއި ގުޅިގެން ސަލާމަތީކަންކަން ބެލެހެއްޓުމުގައި އެމްއެންޑީއެފްއާއި ސަލާމަތީ ބާރުތަކުން ދެއްކި ހުނަރާއި ޤާބިލުކަމަށް ޑިފެންސް މިނިސްޓަރާއި ޗީފް އޮފް ޑިފެންސް ފޯސް ތަޢުރީފުކުރައްވައިފިއެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެޔޯ އިއްޔެ ރާއްޖެއަށް ކުރެއްވި ކުރު ދަތުރުފުޅުގައި ޕޮމްޕެޔޯގެ ހަށިފާރަވެރިންނާއެކު ސަލާމަތީ ހުރިހާ ކަމެއް ބަލަހައްޓާފައިވަނީ ޤައުމީ ދިފާޢީ ބާރު(އެމްއެންޑީއެފް)ގެ ބެއްލެވުމުގެ ދަށުން ފުލުހުންން ގުޅިގެންނެވެ.
ޕޮމްޕެއޯގެ ދަތުރުފުޅާއި ގުޅިގެން މާލެ ސަރަހަދުގެ ސަލާމަތީކަންކަން ވަރުގަދަކޮށް، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި ސިނަމާލެ ބްރިޖް، އަދި މާލެގެ އެ ސަރަހަދުގެ ކަނޑުމަތި ހިމެނޭހެންވަނީ ސަލާމަތީކަންކަން ވަރުގަދަކޮށްފައެވެ.

އޭޝިއާގެ ބައެއް ޤައުމުތަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، އިއްޔެ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރާއްޖެ ވަޑައިގެންނެވުމާ ގުޅިގެން ދިވެހި ސިފައިން ވަނީ އެމަނިކުފާނުގެ ސެކިޔުރިޓީ ކަންކަމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރުފުޅާ ގުޅިގެން، ދިވެހި ސިފައިން އަދާކުރި ދައުރު ފާހަގަކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސް ވިދާޅުވީ، އޮޕަރޭޝަނަލް އަދި ޓެކްޓިކަލް ލެވެލްގައި ދިވެހި ސިފައިން އަދާކުރި ދައުރުން ފެނިގެންދިޔައީ ދިވެހި ސިފައިންގެ ޕްރޮފެޝަނަލިޒަމާއި، އެކަމަށް ދިން ކޮމިޓްމަންޓް ކަމަށެވެ.

އަދި، ސަރުކާރުގެ އެހެނިހެން ސަލާމަތީ ބާރުތަކާ ގުޅިގެން ޤާބިލްކަން އިސްކޮށްގެން ދިވެހި ސިފައިން ކުރެއްވި މަސައްކަތްތަކާ މެދު ހިތްޕުޅުހަމަޖެހިވަޑައިގެން، ޗީފް އޮފް ޑިފެންސް ފޯސް ވަނީ ސިފައިންގެ އޮފިސަރުންނާއި ޓްރޫޕްސް ހިމެނޭހެން ތަޢުރީފާއި އައްސަރިބަހާއި ސާބަސް ރައްދުކުރައްވާފައެވެ.

ޕޮމްޕެޔޯގެ ދަތުރުފުޅާއި ގުޅިގެން ބައެއް ސަރަހައްދުތައް ބަންދުކޮށް މާލޭގެ ކާރޫ ބާރުބޮޑު ސަރަހައްދުތަކުގެ ޓްރެފިކް ބާރުބޮޑުނުވާގޮތަށް ފުލުހުންވަނީ މަގުތައް ބަލަހައްޓާފައެވެ. އަދި ދަތުރުފުޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ދެއްކި ޕްރޮފެޝަނަލް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވެސް ވަނީ ތައުރީފުކުރައްވާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ ދަތުރުފުޅާ ގުޅިގެން އާންމުންގެ ފަރާތުން ލިބިގެންދިޔަ އެހީތެރިކަމާއި އެއްބާރުކުމަށް ސަލާމަތީ ބާރުތަކުންވަނީ ޝުކުރުއަދާކުރައްވާފައެވެ.