ދުނިޔެ

މާޝަލް އައިލޭންޑުން ކޯވިޑް ޖެހިފައިވާ ބަޔަކު ފުރަތަމަ ފަހަރަށް ފެނިއްޖެ


މާޝަލް އައިލޭންޑުން ކޯވިޑް-19 ޖެހިފައިވާ ބަޔަކު ފުރަތަމަ ފަހަރަށް ފެނިއްޖެއެވެ.
ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް-19 ބަލިމަޑުކަމުގެ އަސަރު ނުފޯރާއޮތް މަދު ޤައުމުތަކުގެ ތެރޭގައި ފަހަކާ ޖެހެންދެން ހިމެނޭ މާޝަލް އައިލޭންޑުންވަނީ އެ ޤައުމުން ބަލިޖެހިފައިވާ ދެމީހުން ފެނިފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެ ޖަޒީރާ ޤައުމުގެ ސަރުކާރުން ބުނީ އެ ޤައުމުގައި ހުންނަ އެމެރިކާގައި އަސްކަރީ މަރުކަޒެއްގައި މަސައްކަތްކުރާ ދެ މީހުން ހަވާއީއިން މާޝަލް އައިލޭންޑަށް އޮކްޓޯބަރު މަހުގެ 27ވަނަ ދުވަހުގައި އައިސްފައިވާކަމަށާއި އެ މީހުން ޤައުމަށް އައިސްފައިވަނީ އަސްކަރީ މަތިންދާ ބޯޓެއްގައިކަމަށެވެ. އުމުރުން 35 އަހަރުގެ އަންހެން މީހާއާއި 46 އަހަރުގެ ފިރިހެން މީހާގެ ޒަރިއްޔާއިން މުޖުތަމައުގައި ބަލިފެތުރުމުގެ ފުރުޞަތެއް ނެތްކަމަށް އެ ޤައުމުން ބުންޏެވެ. އެ ދެމީހުންގެ ފަރާތުންވެސް ބަލީގެ އެއްވެސް އަލާމާތެއް ފެނިފައެއް ނުވެއެވެ.

ސަރަޙައްދީ ސަރުކާރުންވަނީ އާންމުން ހުށިޔާރުވެ ތިބުމަށް ހަނދުމަކޮށްދީ ކުރިއެކޭވެސް އެއްގޮތަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަތީގައި ދެމިތިބުމަށް ވަނީ ގޮވައިލައިފައެވެ. ނަމަވެސް ފުރަބަންދެއް އިޢުލާނުކުރަން ޖެހޭފަދަ ޙާލަތެއް ނެތްކަމަށް އެ ފަރާތުން ބުންޏެވެ. ވިޔަފާރިތަކާއި ފިހާރަތައް މިޙާލަތުގައި ބަންދުނުކުރާނެކަމަށް ސަރުކާރުންވަނީ ބުނެފައެވެ.

ޕެސިފިކުގައި އޮންނަ ގިނަ ޖަޒީރާ ޤައުމުތައްވަނީ ބަލިފެތުރެން ފެށިތާ ކުރީކޮޅުގައި ބަންދުކޮށްފައެވެ. މާޝަލް އައިލޭންޑަށް ކޯވިޑް-19 ފޯރިޔަ ނުދިނުމަށް އެ ޤައުމުގެ ސަރަޙައްދީ ރޮނގުތައް ބަންދުކުރީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އޭގެ ފަހުން މިދިޔަ ޖޫން މަހުގެ ތެރޭގައި އެ ޤައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށްވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދީފައެވެ. އެގޮތުން އެ ޤައުމުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުގައި މަސައްކަތްކުރާ ފަރާތްތަކުން ޤައުމަށް އެތެރެވުމުގެ ފުރުޞަތުވަނީ ފަހިކޮށްދީފައެވެ.

1،000އަށްވުރެ ގިނަ ރަށުގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ޤައުމެއްކަމަށްވާ މާޝަލް އައިލޭންޑްސްގެ އާބާދީއަކީ 55،000އެވެ. އެއީ އަމިއްލަ ސަރުކާރެއް އޮންނަ ދަޢުލަތެއް ނަމަވެސް އެ ޤައުމުގެ ދިފާޢީ އަދި ސަލާމަތީ ކަންކަން ބަލަހައްޓަނީ އެމެރިކާއިންނެވެ. އެމެރިކާއިންދަނީ މާޝަލް އައިލޭންޑްސްގެ ކްވަޖެލެއިން އަތޮޅު އަސްކަރީ މަރުކަޒެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ.

ޕެސިފިކަށް ނިސްބަތްވާ ޖަޒީރާ ޤައުމުތަކުގެ ތެރެއިން ކިރިބަތިއާއި މައިކްރޮނޭޝިޔާއާއި ނައުރުއާއި ޕަލާއުގެ އިތުރުން ސަމާއޯއާއި ޓޮންގާ، ތުވަލު އަދި ވަނުއަޓުން ކޯވިޑް-19 ޖެހިފައިވާ މީހަކު މިހާތަނަށް ފެނިފައެއް ނުވެއެވެ.