ކުޅިވަރު

ލިވަޕޫލަކީ މި ގުރޫޕްގައި އޮތް އެންމެވަރުގަދަ ޓީމް: ގެސްޕަރީނީ


ޗެމްޕިއަންސް ލީގުގައި މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އެޓީމަކީ މިގުރޫގައި ހިމެނޭ އެންމެ ވަރުގަދަ ޓީމުކަމަށް އެޓްލާންޓާގެ ކޯޗު ޖިއާން ޕިއޭރޯ ގެސްފަރީނީ ބުނެފިއެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން ގެސްޕަރީނީ ބުނީ ކޮންމެ މެޗަކީ ވެސް މުހިންމު މެޗެއްކަމަށާއި ލިވަޕޫލްއަތުން ޕޮއިންޓެއް ލިބުނަސް އެއީ އެޓްލާންޓާއަށް ލިބޭނެ އެޑްވާންޓޭޖެއް ކަމަށެވެ. އޭނާ ބުނީ ލިވަޕޫލްއަކީ އެޓޭކް ވަރުގަދަ ޓީމެއްކަމަށެވެ. ގެސްޕަރީނީ ބުނީ މިވަގުތު ޔޫރަޕްގައި އޮތް އެންމެ ވަރުގަދަ ޓީމާ ވާދަކޮށްލެވޭ ފެންވަރު އޭނާގެ ޓީމުގައި އެބަހުރިކަމަށެވެ.

މެޗާ ކުރިމަތިލާއިރު އެޓީމަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާގެ އެއްވެސް މައްސަލެއް ޓީމުގައި ނެތުން ކަމަށް މިދިޔަ ސީޒަންގައި އެޓްލާންޓާ ގޮވައިގެން ނުކުމެ މުބާރާތުގެ ކުއާޓާފައިނަލާހަމަޔަށް ދަތުރުކުރި ކޯޗު ބުންޏެވެ. އެޓްލާންޓާގެ ކޯޗު ބުނީ ކިތަންމެ ބޮޑު ޓީމަކާ ދެކޮޅަށް ކުޅުނަން ޖެހުނުކަމުގައި ވިޔަސް އެޓްލާންޓާ ނިކުންނާނީ އެޓީމްގެ ސްޓައިލްގައި ކުޅެމޮޅުވާން ކަމަށާއި ގޭންމް ޕެލޭންއަށް ބަދަލް ނުގެންނާނެކަމަށެވެ.