ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި، ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ކަންތައްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ، މާތްވެގެންވާ އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ކަމެއް ދިވެހިރާއްޖެއިން ބަލައި ނުގަންނާނެކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.)ގެ ތިންވަނަ ސައިކަލްގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަން މިއަދު ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައި ކުރިއަށްގެންގޮސްފައިވާއިރު، މިއީ އ.ދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއުއެކެވެ.
މި ސެޝަންގައި، ދިވެހިރާއްޖެއިން ވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި އިންސާނީ ޙައްޤުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ރާއްޖެއިން މި ސެޝަންއަށް މިދިޔަ ފެބުރުވަރީ ތިނެއްގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް މި ސެޝަންގައި ފުރުޞަތު ލިބިގެންދާނެއެވެ. ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން ވަނީ އެދިފައިވެއެވެ.
ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސްއެކެވެ. ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގެންގޮސްފައިވާއިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ދިވެހިރާއްޖޭގެ ރިވިއު ކުރިއަށްގޮސްފައިވެއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، ޔޫ.ޕީ.އާރު. ގެ ތިންވަނަ ސައިކަލްގައި ޔޫ.ޕީ.އާރު ވަރކިންގ ގްރޫޕްގެ މި ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ، އިން-ޕަރސަން އަދި ވަރޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލްއެއްގެ ގޮތުގައެވެ.