ދުނިޔެ

ވޯޓުގެ ގުނި ދުވަސް، އެންމެ ގިނަ މީހުންނަށް އެެމެރިކާގައި ކޯވިޑް ޖެހުނު ދުވަސް


އެމެރިކާގެ ރިޔާސީ އިންތިޚާބު ބޭއްވުމުގެ އެއް ދުވަސް ފަހުން ރެކޯޑު ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިއްޖެއެވެ.

މިހާތަނަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހި، އެބަލީގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. އެމެރިކާގައި މިހާތަނަށް 9.8 މިލިއަން މީހުންނަށް ބަލިޖެހި 238،829 މީހުންވަނީ މަރުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގައި 108،389 މީހުންނަށްވަނީ ބަލިޖެހިފައެވެ. މިއީ އެ ޤައުމުގައި އެއް ދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހުނު ޢަދަދެވެ. މީގެ ކުރިން އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އެއް ޤައުމަކުން ބަލިޖެހުނު ޢަދަދަކީ 100،233އެވެ. އެމެރިކާއިން އެ ޢަދަދު ދަފްތަރުކޮށްފައިވަނީ އޮކްޓޯބަރު މަހުގެ 30ވަނަ ދުވަހުގައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެމެރިކާގެ ނުވަ ސްޓޭޓަކުންވަނީ އެ ސްޓޭޓުތަކުގައި އެއްދުވަސް ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެފައިވާކަމަށް ބުނެފައެވެ. އެއީ ކޮލަރާޑޯ، އައިޑާހޯ، އިންޑިއާނާ، މެއިން، މިޝިގަން، މިނެސޯތާ، ރޯޑް އައިލެންޑް، ވޮޝިންޓަން އަދި ވިސްކޮންސިންއެވެ. ތަހުލީލުތަކުން ބަލިޖެހިފައިވާ ކަމަށް ދައްކާ ނިސްބަތް ސައުތު ޑަކޯޓާގައި ހުރީ 60 އިންސައްތައަށްވުރެ މަތީގައެވެ. އަޔޯވާ އާއި ވަޔޮމިންގުގައި އެ ނިސްބަތްހުރީ 40 އިންސައްތައަށްވުރެ މަތީގައެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބްލިއުއެޗުއޯއިންވަނީ ތަހުލީލުތަކުގެ ފަހެއް އިންސައްތައަށްވުރެ އިތުރަށް ބައްޔަށް ޕޮސިޓިވް ވުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާންޖެހޭކަމެއްކަމަށް ފާހަގަކޮށްފައެވެ.

ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވުމުގެ އިތުރުން ކޯވިޑުގައި ހަސްފަތާލުގައި ފަރުވާ ދެމުންދާ މީހުންގެ ޢަދަދުވަނީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް 50،000އަށްވުރެ އިތުރުވެފައެވެ. ރެކޯޑު ޢަދަދެއްގެ މީހުންނަށް ހަސްފަތާލުގައި ފަރުވާ ދެމުންދާކަމަށް ބުނެފައިވާ 14 ސްޓޭޓުތެރޭގައި ހިމެނޭ ނޯތު ޑަކޯޓާއިންވަނީ އެ ސްޓޭޓުގައި ހުރި އައިސީޔޫ އެނދުތަކުގެ ތެރެއިން ބާކީ ހުރީ އެންމެ ހަ އެނދުކަމަށް ނޮވެމްބަރު މަހުގެ 2ވަނަ ދުވަހު ބުނެފައެވެ.

ކޯވިޑް-19ގެ ސަބަބުން އެމެރިކާގެ ރައްޔިތުންގެ ދިރިއުޅުމަށް ހުރިހާ ގޮތަކުންވެސްވަނީ އަސަރުކޮށްފައެވެ. އެގޮތުން ބަލިމަޑުކަމުގެ ސަބަބުން ނޮވެމްބަރު 3ވަނަ ދުވަހުގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޕޯސްޓު މެދިވެރިކޮށް ވޯޓުލީ މީހުންގެ ޢަދަދުވަނީ އެތައް ގުނައެއް އިތުރުވެފައެވެ.