ކުޅިވަރު

ބަސަކްޝެހީރް އަތުން ޔުނައިޓެޑު ބަލިވެއްޖެ.


ޗެމްޕިއަންސް ލީގުގައި ތުރުކުރީގެ ބަސަކްޝެހިރް އަތުން އިނގިރޭސި ކުލަބު މެންޗެސްޓަރ ޔުނައިޓެޑު ބަލިވެއްޖެއެވެ.

ތުރުކީގެ އިންސަންތަންބޫލް ގައި ކުޅުނު މެޗު ބަސަކްޝެހިރުން ކާމިޔާބުކުރީ 2-1 ލަނޑުންނެވެ. ފުރަތަމަހާފް ލަނޑުތައް ފެނިގެންދިޔަ މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑްނެގީ ބަސަކްޝެހިރުންނެވެ. މިލަނޑު ފުރަތަމަހާފްގެ 13ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ކުރިން އިނގިރޭސި ކުލަބް ނިއުކާސަލް އާއި ޗެލްސީއަށް ކުޅުނު ޑެންބާބާއެވެ. މިއީ އޭނާގެ ކެރިއަރުގައި ޔުނައިޓެޑު ކޮޅަށް އޭނާ ޖެހި ހަތަރުވަނަ ލަނޑެވެ. ބަސަކްޝެހިރުން ލީޑް އިތުރަށް ފުޅާ ކުރީ ފުރަތަމަހާފްގެ 40 ވަނަމިނިޓުގައި އެޑިން ވިސްކާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެޗުގައި ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފުރަތަމަހާފްގެ 43 ވަނަމިނިޓުގައި އެންތޮނީ މާޝިއަލްއެވެ. މިއީ އެންމެފަހުން މިމުބާރާތުގައި ބަސަކްޝެހިރުން ކުޅުނު 9 މެޗުގެ ތެރެއިން އެޓީމަށް ކާމިޔާބުކުރެވުނު ދެވަނަ މެޗެވެ.

މިއީ ހުސްވި ޖެނުއެރީމަހު ރަށުން ބޭރުގައި ލިވަޕޫލް އަތުން ބަލިވިފަހުން ބަސަކްޝެހިރު ރަށުން ބޭރުގައި ކުޅެ ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި ބަލިނުވެ 19 މެޗު ހަމަކޮށްފައެވެ.

މި ގުރޫޕްގައި ރޭ ފްރާންސްގެ ޕީއެސްޖީގެ މައްޗަށް ޖަރުމަނުގެ ލީޕްޒީގުން ވަނީ 2-1 ކުރި ހޯދާފައެވެ. މިނަތީޖާއެކު ރޭގެ މެޗުން ބަލިވި ނަމަވެސް ޔުނައިޓެޑު އެއްވަނައިގަ އޮތީ 6 ޕޮއިންޓާއެކު ލަނޑުގެ ތަފާތުންނެވެ. ދެވަނައިގައި އޮތް ލީޕްޒިގަށް ވެސް ލިބެނީ ހަޕޮއިންޓެވެ. ބަސަކްޝެހިރަށް ވުރެ ކުރި ޕީއެސްޖީއަށް ލިބެނީ ލަނޑުގެ ތާފާތުންނެވެ. ދެޓީމަށް ވެސް ލިބެނީ ތިންޕޮއިންޓެވެ.