ކުޅިވަރު

ޓޮޓްނަމުން ލުޑްގޮރަޓަސް ބަލިކޮށް ގުރޫޕްގެ އެއްވަނައަށް


ޔޫރޮޕާ ލީގުގައި އިނގިރޭސި ކުލަބް ޓޮޓަނަމުން ބަލްގޭރިޔާގެ ލުޑްގޮރެޓްސް ބަލިކޮށް ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

ޓޮޓްނަމުން މެޗު ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މެޗުގައި ޓޮޓްނަމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ހެރީ ކޭން އާއި ލޫކަސް މޯރާ އަދި ޖިއޮވާނީ ލޮސެލްސޯ. މިމެޗުގައި ކީން ޖެހިލަނޑާއެކު އޭނާ ވަނީ ޓޮޓްނަމަށް ޖެހި ލަނޑުގެ އަދަދު 200އަރާފައެވެ. އެއީ ކުލަބަށް ކުޅުނު 300 މެޗުންނެވެ. މިއީ ޔޫރޮޕާ ލީގުގައި ރަށުން ބޭރުގައި ކުޅުނު 10 މެޗުގެތެރެއިން ޓޮޓްނަމް ކާމިޔާބުކުރި ދެވަނަ މެޗެވެ.


ރޭ މި ގުރޫޕްގައި ރޯޔަލް އެންޓްވާޕް އާއި ލާސްކް ވާދަކުރި މެޗު ލާސްކް ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މި ނަތީޖާއެކު ޓޮޓްނަމުން ވަނީ ހަ ޕޮއިންޓާކު ގުރޫޕްގެ އެއްވަނައަށް ޖެހިލާފައެވެ. ދެވަނަގައި އޮތް އެންޓްވާޕަށް ވެސް ހަ ޕޮއިންޓް ލިބޭއިރު ލާސްކް ވެސް އޮތީ ތިންވަނައިގަ ހަ ޕޮއިންޓާއެކުގައެވެ. ލުޑްގޮރެޓްސްއަކަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

ރޭ މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ފެޔެނޫޑް ވަނީ 3-1 ލަނޑުން ސީއެސްކޭ މޮސްކޯ ބަލިކޮށް ގުރޫޕް ކޭގެ ތިންވަނައަށް ޖެހިލާފައެވެ. ޖަރުމަނުގެ ހޮފެންހަމް ވަނީ ސޮލްވަން ލެބެރެސް ބަލިކޮށް ގުރޫޕް އެލްގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ވިޔަރެއާލުން ވެސް ވަނީ މެކްކާބީ ޓެލްއަވީވް ބަލިކޮށް ގުރޫޕް އައިގައި އެއްވަނައިގައި ތިންޕޮއިންޓް ލީޑެއް ނަގާފައެވެ. ކުލުޖްއާ ވާދަކޮށް ރޯމާއިން 5-0 ލަނޑުން މޮޅުވެ ހަތް ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނައަށް ވަނީ ޖެހިލާފަ. ބަޔާ ލެވަކޫސަން ވަނީ ޝެވާ އެފްސީ ވާދަކޮށް 4-2 މެޗު ކާމިޔާބުކޮށް ގުރޫޕްގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ. ޕީއެސްވީ ބަލިވެ ގުރޫޕްގެ ތިންވަނައަށް ވެއްޓުނު އިރު މިގުރޫޕްގައި ގްރެނެޑާ ވަނީ މޮޅުވެ އެއްވަނައިގަ ދެ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. ނަޕޯލިން ރިޖެކާ މައްޗަށް ކުރި ހޯދިއިރު ރެއާލް ސޮސެއިޑާޑް ވަނީ އޭޒެޑް އަލްކަމާރް މައްޗަށް ކުރި ހޯދާފައެވެ. މި ގުރޫޕްގައި ނަޕޯލީ އާއި ސޮސެއިޑާޑް އަދި އަލްކަމާރް އަށް ވެސް ލިބިފިވަނީ ހަ ޕޮއިންޓެވެ.