ކުޅިވަރު

ޔުނައިޓެޑް މޮޅުވެ ޕްރެޝާ ކަނޑުވާލިއިރު ޗެލްސީ މޮޅުވެ ތިންވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑު މޮޅުވެ ލީގުގެ ކުރިޔައްޖެހިލައިފިއެވެ.

އެވަޓަންގެ ގޫޑްސަން ޕާކުގައި ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 3-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ކުރި ހޯދީ އެވަޓަންއިންނެވެ. މިލަނޑު މެޗުގެ 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބާނާޑްއެވެ. މެންޗަސްޓަރ ނަތީޖާ ހަމަހަމަކުރީ ބުރޯނޯ ފެނާންޑޭޒް މެޗުގެ 25ވަނަ މިނެޓުގައި ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްނިމުމުގެ ކުރިން ބުރޫނޯ ވަނީ އިތުރުލަނޑެއް ޖަހާ ޔުނައިޓެޑަށް ލީޑްނަގައިދީފައެވެ.

މިއީ ރަށުން ބޭރުގައި ލީގުގައި ކުޅުނު މެޗުތަކުގައި އޭނާ ކާމިޔާބުކޮށްދިން 10ވަނަ ލަނޑެވެ. ބުރޫނޯ ވަނީ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑަށް 13 ލަނޑުކާމިޔާބުކޮށްފައެވެ. މެޗުގެ ޔުނައިޓެޑަށް ލީޑް އިތުރަށް ފުޅާކޮށްދިނީ އިތުރުވަގުތުގެ އެންމެފަހު މިނިޓުގައި އެންޑަސަން ކަވާނީއެވެ.

މިއީ ޔުނައިޓެޑަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މިއީ ލީގުގައި ރަށުން ބޭރުގައި ޔުނައިޓެޑުން މޮޅުވި ހަތްވަނަ މެޗެވެ. ލީގުގެ ފުރަތަމަ ފަސްމެޗު ކާމިޔާބުކުރި އެވަންޓަން ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން މޮޅުވެފައެއް ނުވެއެވެ.

ރޭ ލީގުގައި ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް ކުރި ހޯދާ ލީގުގެ ތިންވަނައަށް ކުރިޔަށްޖެހިލާފައެވެ. ޗެލްސީން މެޗު ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. ޝެފީލްޑްގެ ޑޭވިޑް މެކްގޯލްޑްރިކް ލަނޑެއް ޖަހާ ކުރިހޯދާފަވަނިކޮށް ޗެލްސީ ނަތީޖާ ހަމަހަމަކުރީ ޓަމީ އަބްރަހަމްއެވެ. ދެން ޗެލްސީއަށް ލަނޑު ކާމިޔާބުކޮށްދިނީ ބެންޖަމިން ޗިލްވެލް އާއި ތިއާގޯ ސިލްވާގެ އިތުރުން ޓިމޯވާނާއެވެ.

ޗެލްސީ ވަނީ މިމޮޅާއެކު 11 މެޗު ބަލިނުވެ ހަމަކޮށްފައެވެ. މިއީ ޝެފީލްޑްއިން މޮޅެއް ނުލިބި ނިންމާލި 12ވަނަ މެޗެވެ. މި ނަތީޖާއެކު 8 މެޗުން 15 ޕޮއިންޓް ހޯދައިގެން ޗެލްސީ ވަނީ ލީގުގެ ތިންވަނައަށް ކުރިޔަށްޖެހިލާފައެވެ. ޔުނައިޓެޑު ހަތްމެޗުން 10 ޕޮއިންޓާއެކު އޮތީ 14ވަނައިގައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލެސްއާއި ލީޑްސް ޔުނައިޓެޑު ވާދަކުރި މެޗު 4-1 ލަނޑުން ކާމިޔާބުކޮށް ޕެލެސްއިން ވަނީ 7ވަނައަށް ކުރިޔަށްޖެހިލާފައެވެ. ވެސްޓްހައިމުން ވަނީ ފުލަމްގެ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ.

ޢަލިބެ

ނަސީބެއް