ޚަބަރު

އަތޮޅު ތެރޭގެ ޕްރީ ސްކޫލްތައް ހުޅުވައިގެން ކިޔަވައިދިނުމުގެ ހުއްދަދީފި


ކޯވިޑް-19ގެ ޙާލަތަށް ބެލުމަށްފަހު އަތޮޅުތަކުގެ ރަށްރަށުގެ ސްކޫލްތަކުގައި ޕްރީ ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔެވުން ފެށުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީން ބުނީ ކޯވިޑް-19 ގެ މިހާރުގެ ޙާލަތަށް ރިޔާޢައްކޮށް، އެޗްޕީއޭގެ ލަފާގެ މަތިން މިމަހުގެ 15 ވާ އާދިއްތަ ދުވަހުންފެށިގެން އަތޮޅު ތެރޭގެ ސްކޫލްތަކުގެ ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކަށް ކުދިންނަށް ސްކޫލްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ކުދިން ސްކޫލަށް ގެންގޮސްގެން ޢުމުރާ ގުޅޭ ހަރަކާތްތައް ހިންގުމަށް ހުއްދަދީފައިވާކަމަށެވެ.

ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުން މާރޗު 12އިން ފެށިގެން ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާފައިވަނީ ޖުލައި 1 ވަނަ ދުވަހުގައެވެ. އެހެންނަމަވެސް މާލެ ޞަރަޙައްދުގައި ކޯވިޑް-19 ހަލުވި ކަމާއެކު ފެތުރެމުންދާތީ އަލުން ސްކޫލްތައްވަނީ ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދިނުން ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިއަދާ ހަމައަށްވެސް ޕްރީސްކޫލް އަދި ކީ ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދެން ގޮސްފައިވަނީ އޮންލައިންކޮށެވެ.

މާލެ ޞަރަޙައްދުގައި ޖުލައި 1 ގައި ގްރޭޑް 9 އިން ފެށިގެން މައްޗަށް ކިޔަވައިދޭން ފެށުމަށްފަހު މމިދިޔަ މަހު ވަނީ ގްރޭޑް 7 އަދި 8 އަށްވެސް ކިޔަވައިދޭން ފަށާފައެވެ.

ރަށްރަށުގައި ފައުންޑޭޝަން ސްޓޭޖާއި ޕްރީ ސްކޫލްތަކުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ހުއްދަ ދިންކަމުގައިވިޔަސް މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ ދަރިވަރުންނަށް ސްކޫލްތައް ހުޅުވާފައެއް ނުވެއެވެ.