ޚަބަރު

ކޯވިޑް-19 : މިއަދު 21 މީހުން ޕޮޒިޓިވްވެ 50 މީހުން ބަލިން ރަނގަޅުވި


އިތުރު 21 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖެއިން ބަލިޖެހުނު މީހުންގެ ޢަދަދު 12030އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހޯމަ ދުވަހުގެ އިރުއޮއްސި 18:00އިން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 15 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި ރަށްރަށާއި ރިސޯޓްތައް ހިމެނޭހެން އަތޮޅުތަކުން 6 މީހުން ޕޮޒިޓިވްވެފައި ވާކަމަށެވެ.

އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 23މީހުންގެ ތެރެއިން 14 މީހުންނަކީ ދިވެހިންނެވެ. އަނެއް 7 މީހުންނަކީ ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 50 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 11182އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 33 ދިވެހިންނާއި، 8 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 41 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.

ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު ހާހަކަށްވުރެ ދަށަށްގޮސްފައިވާއިރު މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 800 އެވެ. 210 މީހުން މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި އެޑްމިޓްކޮށްގެން 47 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި1492 ސާމްޕަލެއް ވަނީ ނަގާފައެވެ.