ވިޔަފާރި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބީއެމްއެލްއިން ކޯވިޑް ރިލީފް ލޯނެއް ތަޢާރަފްކޮށްފި


ކޯވިޑް ރިލީފް ސަޕޯރޓްގެ ދަށުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށް ބޭންކް އޮފް މޯލްޑިވްސްއިން އިތުރު ފައިނޭންސިންގެ އެއް މިއަދު ތައާރަފްކޮށްފިއެވެ.

މިއީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކްގެ(އީއައިބީ) ފަންޑުގެ ދަށުން ދޫކުރެވޭ ފައިނޭންސްއެކެވެ.

ކޯވިޑްއާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރާ ގުޅިގެން އީއައިބީއިން ވަނީ މިނިސްޓްރީ އޮފް ފިނޭންސްއާ ބޭންކް އޮފް މޯލްޑިވްސްއާއެކު މިދިޔަ ޖޫންމަހު 20 މިލިއަން ޔޫރޯގެ ލޯން އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ. މިއީ ފަތުރުވެރިކަމާއި އެހެނިހެން ސިނާއަތްތަކުގައި ހިމެނޭ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީތެރިވުމަށާއި އިގްތިސާދުކޮޅަށް ޖެހުމުގެ ގޮތުން ހަމަޖެހިގެން ދިޔަ ފަންޑިންގއެކެވެ. މިއީ އެކްސްޓަރނަލް ލެންޑިންގ މެންޑޭޓްގެ ދަށުން ދޫކުރެވިފައިވާ ލޯނަކަށްވުމާއެކު ޔޫރަޕިއަން ޔޫނިއަންގެ ކޮންޕްރެހެންސިވް ގެރެންޓީގެ ދަށުން ހާއްސަ ލުއިތަކެއްވެސް ލިބިގެންދާނެއެވެ.

މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ވަނީ އީއައިބީ އިން ދެއްވާ އެހީތެރިކަމަށްޓަކައި ސަރުކާރާއި ދިވެހި ރައްޔިޔުންގެ ނަމުގައި އެފަރާތަށް ޝުކުރު ދަންނަވާފައެވެ. އަދި މިއީ އީއައިބީގެ ކޯވިޑް-19 ރެސްޕޮންސްގެ ދަށުން އޭޝިއާގެ ގައުމަކާއެކު ސޮއިކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި މިކަމުން ރާއްޖޭއާއެކު އޮތް ގުޅުމުގެ ބަދަހިކަން ރަމްޒުކޮށްދޭކަންވަނީ ފާހަގަކުރައްވާފައެވެ.

3000 އަށްވުރެ މަދުން މުވައްޒަފުން ވަޒީފާއަދާ ކުރާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިއަދު ތައާރަފްކުރެވުނު އީއައިބީ ލޯނުގެ ދަށުން ލޯނަށް އެދި ހުށަހެޅޭނެއެވެ. މިގޮތުން 15.42 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ލޯނު ދޫކުރުމަށް ހަމަޖެހިފައިވަނީ މިހާރު ލިބެންހުރި ލޯނުތަކަށްވުރެ ކުޑަ އިންޓަރެސްޓެއްގައި އަދި ލޯނު އަނބުރާދެއްކުމަށް މިހާރު ލޯނުތަކަށް ދެމުންދާ މުއްދަތަށް ވުރެ ދިގު މުއްދަތެއްވެސް ލިބިގެންދާނެކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އީއައިބީގެ މިފަންޑުގެ ދަށުން ފަތުރުވެރިކަމުގެ ސިނާއަތާއި އަދި އެ ސިނާއަތާ ގުޅުންހުރި އެހެނިހެން ސިނާއަތްތަކުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ކޮވިޑް އާ ގުޅިގެން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ ފައިނޭންސް ލިބިގެންދާނެކަމަށެވެ. އަދި ލޯނުގެ ސަބަބުން ވިޔަފާރިތަކަށް މާލީ އެހީތެރިކަން ލިބި ކޯވިޑްގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ހީނަރުކަމުން އަރައިގަނެ، އިގްތިސާދު އަނބުރާ ކޮޅަށްޖެހުމަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ގެނައުމަށް މަގުފަހިވެގެންދާނެކަމަށްވެސް ޓިމް ވިދާޅުވިއެވެ.