ޚަބަރު

ކޯވިޑް-19 : އެއަރޕޯޓުގެ ކާގޯ ޑިޕާޓްމަންޓްގެ 22 މުވައްޒަފަކު ޕޮޒިޓިވްވެއްޖެ


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޑިޕާޓްމަންޓް އިން 22 މުވައްޒަފަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ދަރުބާރުގޭގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީޤު ވިދާޅުވީ އެއަރޕޯޓުގެ ކާގޯ ޑިޕާޓްމަންޓްއިން ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ މިމަހުގެ 5 ވަނަދުވަހު ކަމަށެވެ. އެއަށްފަހު މިމަހުގެ 12ވަނަ ދުވަހު 5 މީހުން ޕޮޒިޓިވްވެފައިވާކަމަށާއި މިމަހުގެ 13 ވަނަ ދުވަހު 6 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މިމަހުގެ 14 ވަނަ ދުވަހު 7 މީހަކު، ޕޮޒިޓިވްވެފައި ވާއިރު މިމަހުގެ 15ވަނަ ދުވަހު 3 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ނަޒްލާ ވިދާޅުވީ އެއަރޕޯޓުގެ ކާގޯ ޑިޕާޓްމަންޓް މިހާރު ބޮޑު ކްލަސްޓާ އަކަށްވެފައި ވާކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރިއަށް ދާކަމަށެވެ. އެގޮތުން މިހާތަނަށް 27 މީހަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ކަރަންޓީންގައި ތިބިކަމަށާއި އިތުރަށް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. ނަޒްލާ ވިދާޅުވީ މިއަދުވެސް އެއާޕޯޓުން 136 ސާމްޕަލެއް ކޯވިޑް-19 އަށް ޓެސްޓްކުރުމަށް ނަގާފައިވާކަމަށެވެ.

އެއަރޕޯޓުގެ ކާގޯ ޑިޕާޓްމަންޓް އިން ބަޔަކު ޕޮޒިޓިވްވެފައިވާއިރު ދާދިފަހުން ވަނި އެއަރޕޯޓް ގައި މަސައްކަތް ކުރާ ދެ ކުންފުންޏެއްގެ މުވައްޒަފުންގެ ތެރެއިންވެސް ގިނަ ބަޔަކު ޕޮޒިޓިވްވެފައެވެ.