އެމެރިކާގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދު 11 މިލިއަނަށްވުރެ މައްޗަށް އަރައިފިއެވެ. އެއީ މިހާތަނަށް އެއް ޤައުމަކުން އެހާ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވާ ޤައުމެވެ.
އެމެރިކާގައި ބަލިފެތުރޭ ނިސްބަތްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 10 މިލިއަން ހުރަސްކުރީ މީގެ އެންމެ އަށް ދުވަސް ކުރިން ނޮވެމްބަރު މަހުގެ 8ވަނަ ދުވަހުގައެވެ. އެ ޤައުމުގައި ބަލިފެތުރޭ މިންވަރު 9 މިލިއަނުން 10 މިލިއަނަށް އަރަން ނެގީ 10 ދުވަހެވެ. އަދި 8 މިލިއަނުން 9 މިލިއަނަށް އިތުރުވުމަށް ނެގީ 16 ދުވަހެވެ.
ފާއިތުވި 11 ދުވަހުގައިވެސް ދުވާލެއްގެ މައްޗަށް އެމެރިކާގައި ކޯވިޑް ޖެހޭ މީހުންގެ ޢަދަދު ހުރީ ސަތޭކަ ހާހަށްވުރެ މަތީގައެވެ. ފާއިތުވި 7 ދުވަހުގެ އެވަރެޖަށް ބަލާނަމަ ދުވާލަކު 144،000 މީހުންނަށް ބަލިޖެހި 1،120 މީހުންދަނީ މަރުވަމުންނެވެ. އެމެރިކާގެ ސްޓޭޓުތަކުގެ ތެރެއިން އެންމެ ބޮޑަށް ޙާލަތު ގޯސްވަމުންދަނީ ޓެކްސަސްއާއި ކެލިފޯނިއާގައެވެ. އެ ދެ ސްޓޭޓުގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 2.1 މިލިއަނަށް އަރައެވެ. އެއީ އެ ޤައުމުގައި ބަލިޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ 19 އިންސައްތައެވެ.
ކޯވިޑް ޖެހިގެން ހަސްފަތާލުގައި އެނދުމަތިކުރަންޖެހޭ މީހުންގެ ޢަދަދުވެސް އެމެރިކާގައި ދަނީ އިތުރުވަމުންނެވެ. އެގޮތުން ނޮވެމްބަރު މަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް 69،000 މީހުންނަށް ދިޔައީ ހަސްފަތާލުގައި ފަރުވާ ދެމުންނެވެ. އެމެރިކާގެ އިންތިޚާބީ ރައީސް، ޖޯ ބައިޑަންގެ އިސް މުޝީރުންވަނީ ބަލިފެތުރޭ މިންވަރު ކޮންޓްރޯލު ކުރަންޖެހޭކަމަށާއި އެގޮތަށް ޢަމަލުނުކޮށްފިނަމަ ޞިއްޙީ ނިޒާމުތައް ހުއްޓުމަކަށް އަންނާނެކަމުގެ އިންޒާރު ދެއްވާފައެވެ.
އާބާދީގެ ނިސްބަތުން ބަލާނަމަ މިވަގުތު އެންމެ ޙާލަތު ގޯހީ އެމެރިކާގެ މިޑްވެސްޓް ސަރަޙައްދުގައެވެ. ނޯޓު ޑަކޯޓާ، ސައުތު ޑަކޯޓާ، ވިސްކޮންސިން، އަޔޯވާ އަދި ނެބްރަސްކާ އޮތީ ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ގޯސްވެފައިވާ ސްޓޭޓުތަކުގެ ގޮތުގައެވެ.
މި ހަފުތާގެ ތެރޭގައި އެމެރިކާގެ ގިނަ ސްޓޭޓުތަކެއްގައިވަނީ ބައްޔާއި ދެކޮޅަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތުން ނޯތު ޑަކޯޓާއިންވެސްވަނީ އެ ޤައުމުގެ 39 ސްޓޭޓެކޭ އެއްގޮތަށް ބޭރު ތެރެއަށް ނުކުމެ އުޅުމުގައި މާސްކު ބޭނުން ކުރުން މަޖުބޫރުކޮށްފައެވެ.
އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 11 މިލިއަނަށް އެރުމާއި ގުޅިގެން މިޝިގަން އަދި ވޮޝިންޓަންގައިވެސްވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރެސްޓޯރަންޓުތަކާއި ކެފޭތަކުގެ އެތެރޭގައި ތިބެގެން ޚިދުމަތް ހޯދުން ދެ ސްޓޭޓުގައިވެސްވަނީ މަނާކޮށްފައެވެ. މިޝިގަންގައިވަނީ ހައި ސްކޫލުތަކާއި ކޮލެޖުތަކަށް ހާޒިރުވެގެން ކުލާސް ނެގުން މެދުކަނޑާލައި ކޮންސެޓު ހޯލްތަކާއި ތިއޭޓަރުތަކާއި މުނިފޫހިފިލުވުމުގެ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަން ބަންދުކުރުމަށް އަންގައިފައެވެ. 10 މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ އެއްވެ އުޅުންވެސްވަނީ މަނާކޮށްފައެވެ. ސްޓޭޓު ގަވަރުނަރުންދަނީ ބޭނުމެއްނެތި ގެއިން ބޭރަށް ނުދިޔުމަށް ރައްޔިތުންނަށް ގޮވައިލަމުންނެވެ.
ދުނިޔޭގައި މިހާތަނަށް 54 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޯވިޑް-19 ޖެހިފައިވާއިރު އޭގެ ތެރެއިން 20 އިންސައްތަ ޙިއްޞާކުރަނީ އެމެރިކާއިންނެވެ. ކޯވިޑް-19ގެ ސަބަބުން 1.3 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު އޭގެ ތެރެއިން 19 އިންސައްތަ މީހުން މަރުވެފައިވަނީ އެމެރިކާގައެވެ.