މިވަގުތަކީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލަންވީ ވަގުތުނޫންކަން ހާމަކުރައްވައި ސަރުކާރުން އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓް ފާސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވައިލައްވައިފިއެވެ.
ހޯރަފުށި އެއަޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވާ ފާޑުކިއުންތަކަށް ރައްދުވެއްވާފައެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށައަޅާފައިވާ 34.6 ބިލިިޔަން ރުފިޔާގެ ބަޖެޓަކީ މިއަދުެގ ހާލަތަށްބަލައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓްކަމަށެވެ. އެގޮތުން މިވަގުތަށް މުހިންމު ގިނަ ކަންތައްތަކަށް ބަޖެޓްގައި ފައިސާ ކަނޑައަޅާފައިވާނެކަމަށާއި އެގޮތުން ސިއްޙީ ދާއިރާއިން 4ބިލިޔަން ރުފިޔާއާއި، ތަޢުލީމީ ދާއިރާއަށް 3.9ބިލިޔަން ރުފިޔާ އަދި އިޖްތިމާޢީ ދާއިރާއަށް 3.7ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު ގެދޮރު އިމާރާތްކުރުމަށް 2.3 ބިލިޔަން ރުފިޔާއާއި ތިމާވެށި ރައްކާތެރިކުމަށް 1.8 ބިލިޔަން ރުރިޔާ ބަޖެޓްގައި ހިމަނާފައިވާކަމަށެވެ.
ބަޖެޓަށް ބަހުސްކުރެއްވިއިރު ބައެއް މެންބަރުން ބަޖެޓް ބަހުސްގައި ބަޖެޑް ކުޑަކުރަން ގޮވާލިމަމަވެސް ބަޖެޓްގައި ހިމަނާފައިވާ ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ތައްރައްޤީގެ މުހިއްމު މަޝްރޫޢުތަކަކީ މިހާރުވެސް ބަޖެޓް ހަމަޖެހިފައިވާ މަޝްރޫޢުތަކެއްކަމަށެވެ.
"ހަނިމާދޫ އެއަރޕޯޓު ތަރައްޤީކުރުން ހިމެނޭނެ އައްޑޫ އެއަރޕޯޓް ތަރައްޤީކުރުން އެބައޮތް، މާލޭ ބްރިޖް، މާލޭ ވިޔަފާރި ބަނދަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތް އޮންނާނެ. 5 ޓާޝަރީ ހޮސްޕިޓަލް ހިމެނޭނެ. މިދެންނެވި ބޮޑެތި މަޝްރޫޢުތަކަށް ބަޖެޓްވަނީ ހަމަޖެހިފައި. މިމަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދާންނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ބަޖެޓް ބަހުސްގައި ބައެއް މެންބަރުން ދަޢުލަތުގެ ދަރަނި އިތުރުވަމުންދާކަމަށް ވިދާޅުވަމުންދާއިރު ދައުލަތަށް ދަރަނި ނެގުމަކީ ހަމައެކަނި މިއަދުގެ ސަރުކާރުން ކުރިކަމެއް ނޫންކަމަށެވެ.
ރައީސް ޔާމީނު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ ދަރަނި އޮތީ 26 ބިލިޔަން ރުފިޔާގައިކަމަށާއި އެމަނިކުފާނު ވެރިކަމުން ފައިބައިވަޑައިގެންނވިއިރު ދައުލަތުގެ ދަރަނި 60 ބިލިޔަން ރުފިޔާއަށް އަރާކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރަށް މިހާތަނަށް އަދި ނެގުނީ 15ވަރަކަށް ބިލިޔަން ރުފިޔާގެ ދަރަނިކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ 2008 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވެރިކަމަށް އައިއިރު ރާއްޖޭގެ ދަރަނިއޮތީ 6.5 ބިލިޔަން ރުފިޔާގައިކަމަށާއި 3އަހަރަށްފަހު ވެރިކަމުން ވަކިވިއިރު އެއަދަދު 26 ބިލިޔަންރުފިޔާއަށް އަރާފައިވާކަމަށެވެ.
"މިއަހަރުގެ ބަޖެޓްގައި ދަރަނި ދެއްކުމަށް ޖަހާފައިވާ 4 ބިލިޔަބން ރުފިޔާއަކީ ކުރީގެ ސަރުކާރުތަކުން ނެގި ދަރަނިތައް ދެއްކުމަށް ހިމަނާފައިވާ އަދަދެއް"
ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ސަރުކާރާއި ހަވާލުވެވަޑަިގެންނެވިއިރު ދައުލަތުގެ ރިޒާވްގައި ފައިސާއެއް ނެތްކަމަށާއި ހަމައެކަނި 250 މިލިޔަން ޑޮލަރު ރިޒާވްގައި ހުރެގެން ކުރެވޭނެ ކަމެއްނެތްކަމަށެވެ.
ސަރުކާރުގެ ފައިނެންޝަލް ޓީމަށް، އެއީ ފިނޭސް މިނިސްޓްރީގެ ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރުއެބައޮތް. ސަރުކާރު މަގަކުން ކައްސާނުލާނެކަމަށެވެ. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މިރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކޯވިޑް-19އާ ގުޅިގެން އިޤްތިސާދު ދަށަށްގޮސްފައިވާ މިދަތި ދަނޑިވަޅުގައިވެސް ސަރުކާރުން މަސައްކަތްކުރަމުންގެންދަނީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ މަސައްކަތްކުރަމުންކަމަށެވެ.