ޚަބަރު

އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވޭ: ރައީސް


ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުނުންވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ހައްދުންމަތީ ގަމު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ކޯވިޑް-19ގެ ތެރޭގައި އިޤްތިޞާދީ ދާއިރާއިން ކުރެވުނު ތަޖުރިބާގެ އަލީގައި، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ އިޤްތިޞާދު ސިންދަފާތު ކުރުމަށް ކަމަށެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމަކީ، ރާއްޖޭގެ އިޤްތިޞާދުގައި މިހާރަށްވުރެ ބޮޑު ޙިއްޞާއެއް ވެވޭނެ ޞިނާޢަތެއްކަން ޔަޤީންކަމަށާއި، ހަމައެގޮތަށް ދަނޑުވެރިކަމަކީވެސް، ޚާއްޞަ ސަމާލުކަމެއްދީ، މިހާރަށް ވުރެ މާބޮޑަށް ކުރިއެރުވޭނެ ޞިނާޢަތެއްކަން މިހާރު ހާމަވަމުންދާކަމަށެވެ. މިއާއެކު މި ދެ ޞިނާޢަތު ކުރިއެރުވުމަށް ކުރިއަށްއޮތްތަކުގައި މުހިއްމު މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"އަންނަ އަހަރަށް މަޖިލީހުން ފާސްކުރި، 34.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި، މި ދެ ޞިނާޢަތު ކުރިއެރުވުމަށްޓަކައި ވަރަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރުމަށް ވާނީ ހިމަނާފައި. ދަނޑުވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން އުފެއްދި އެގްރޯ ނޭޝަނަލް ކޯޕްރޭޝަންގެ މިސަރަޙައްދުގެ މަރުކަޒު، ފޮނަދޫގައި ޤާއިމުކުރުމުގެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ އަންނަ އަހަރު ފެށޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ މިހާރު ޤައުމަށް ކުރިމަތިވެފައި މިވާ އިޖްތިމާޢީ އަދި އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމުގައި، ރައްޔިތުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ސަރުކާރަށް ބޭނުންވާކަމަށާއި، އެކަމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އެކަމަށް ރައްޔިތުންގެ އެއްބާރުލުން ލިބިގެންދާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"ކޯވިޑް-19އާ ދެކޮޅަށް ސަރުކާރުން އެޅި ފިޔަވަޅުތައް ތަންފީޒުކުރުމަށް، ރައްޔިތުން އެހީތެރިކަމާއި އެއްބާރުލުން ދެއްވި ފަދައިން، އިޤްތިޞާދު އަލުން އާރާސްތުކުރުމުގައިވެސް، އެހީތެރިވެދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ޤައުމަށް ކުރިމަތިވި ދަތިތަކުން އަރައިގަނެ މި ބަލިމަޑުކަމުގެ ނުރައްކަލުން އަރައިގަތުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި މިއާއެކު ރައްޔިތުންގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީއަށް ރާވާފައި މަޝްރޫޢުތައް، ހަލުވިމިނުގައި ކުރިއަށް ގެންދެވޭނެ އަވަސް އަލިމަގެން ފެނިގެން ދާނެކަމަށް އުންމީދުކުރައްވާކަމުގައިވެސް ރައީސް ވިދާޅުވިއެވެ.