ރާއްޖެއިން މިއަދު އިތުރު 36 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 153 މީހުން ބަލިން ރަނގަޅުވެއްޖެެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ބުދަ ދުވަހުގެ 18:00އިން ފެށިގެން ބުރާސްފަތި ދުވަހުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 32މީހުންނެވެ. އަދި ރަށްރަށުން 2 މީހަކު ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 2 މީހުންވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13106އަށް އަރާފައެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން މިއަދު ކޯވިޑް-19އިން ރަނގަޅުވި މީހުންގެ އަދަދުވަނީ އިތުރުވެފައެވެ. އެގޮތުން މިއަދުވަނީ 153މީހުން ބަލިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12154 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ މިހާތަނަށް ބަލިޖެހުނު މީހުންގެ 93 އިންސައްތަ މީހުންނެވެ.
ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 47 މީހުން ވަނީ ނިޔާވެފައެވެ. އެއީ 39 ދިވެހިންނާއި، 8 ބިދޭސީންނެވެ.
މިއަދު ގިނަ އަދަދެއްގެ މީހުން ބަލިން ރަނގަޅުވުމާއެކު އެކްޓިވް ކޭސްތަކުގެ ޢަދަދުވެސް މިވަނީ އެއްހާހުން ދަށްވެފައެވެ. އެގޮތުން މިހާރު މިބަލީގެ އެކްޓިވްކޭސްތަކުގެ އަދަދަކީ 898އެވެ. އެޑްމިޓްކޮށްގެން ފަރުވާދޭމީހުންގެ ޢަދަދު އިއްޔެ ނުވަދިހައަށްވުރެ މަތީގައި ހުރިނަމަވެސް މިހާރު މިއަދުވެސްވަނީ 86އަށް ދަށްވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1862 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 249،994 ސާމްޕަލްވަނީ ނަގާފައެވެ.