ޚަބަރު

ގެސްޓްހައުސް ހިންގާ ރަށްރަށުން %80 މީހުން މާސްކް އަޅާ


ރަށްރަށުގައި ގެސްޓްހައުސް ހިންގާ ރަށްރަށުގެ ތެރެއިން %80 މީހުން މާސްކް އަޅާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ އެޕިޑިމިއޮލަޖިސްޓް ޑރ.އިބްރާހީމް އަފްސަލް ވިދާޅުވީ ގެސްޓްހައުސް ހިންގާ ރަށްރަށުގެ މީހުންގެ ތެރެއިން ކޮންމެ 5 މީހަކުން 4 މީހަކު މާސްކް އަޅާކަމަށެވެ. މިއީ ހިތްހަމަޖެހޭކަމެއްކަން ފާހަގަކުރައްވައި ޑރ.އަފްޒަލް ވިދާޅުވީ އަދިވެސް މާސްކް އަޅާ މީހުންގެ ޢަދަދު އިތުރުކުކުރުމަކީ މުހިންމުކަމެއްކަމަށެވެ. މިކަމަށް ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ޑރ.އަފްޒަލް އިލްތިމާސްކުރެއްވިއެވެ.

މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދެއްވާފައިވަނީ އޮކްޓޯބަރުމަހުގެ 15ވަނަ ދުވަހުއެވެ. މިގޮތުން މިހާތަނަށް 109 ގެސްޓްހައުސްއެއް ހުޅުވުމުގެ ހުއްދަ ޓުއަރިޒމް މިނިސްޓްރީން ވަނީ ދެއްވާފައެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް އެމިނިސްޓްރީން ހުއްދަދެއްވާއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބައްލަވަަނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން ޓޫރިޒަމް މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ. އަދި އެތަނެއް ހުޅުވުމުގައި ކައުންސިލުގެ އެއްވެސް އިއުތިރާޒެއްނެތްކަމަށް މިނިސްޓްރީއަށް އެންގުމުން، ވަކިވަކި ގެސްޓް ހައުސްތަކުން ހުށަހަޅާ އެސް.އޯ.ޕީތަކަށް ބެލުމަށްފަހު، ހުޅުވުމުގެ ހުއްދަ ޓޫރިޒަމް މިނިސްޓްރީން ދަނީ ދެއްވަމުންނެވެ.

ލޯކަލް ޓޫރިޒަމްގެ ޚިދުމަތްދޭ ރަށްރަށުގައި ގެއިން ބޭރުގައާއި، ޢާއްމު ތަންތަނުގައި އުޅޭއިރު އަނގައާއި ނޭފަތާއި، ދަތްދޮޅި ނިވާވާގޮތަށް މާސްކް އެޅުމަށް އެޗް.ޕީ.އޭއިން ވަނީ މަޖުބޫރުކޮށްފައެވެ.