ޚަބަރު

ޝަރީޢަތް ނިމެންދެން ޝަހީބް ބަންދުކުރަން ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާާޢީދުކޮށްފި


ޖަންބޯ ދޯނިން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި ހައްޔަރުކުރި ޝަހީބު އިބްރާހީމް ޝަރީއަތް ނިމެންދެން ބަންދުކުރަން ހައި ކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތަޢީދުކޮށްފިއެވެ.

ހުޅުމާލޭ ފަޅުތެރޭގައިއޮތް ކަންނެލި ދޯންޏަކުން 130 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލައިގައި ހައްޔަރުކުރި ޝަހީބު އިބްރާހީމް ދޫކޮށްލަން ދަށުކޯޓުން ނިންމާފައިވަނިކޮށް އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން ހައިކޯޓުން އަމުރުކުރީ މިދިޔަ ނޮވެންބަރު މަހުގެ 18ވަނަ ދުވަހުގައެވެ.

ހައިކޯޓުން ކުރި ޙުކުމުގެ މައްސަލަ ޝަހީބުގެ ފަރާތުން ސުޕްރީމްކޯޓުގައި އިސްތިއުނާފުކުރުމުން އެމައްސަލަ ބެއްލެވުމަށްފަހު މިއަދު ސުޕްރީމް ކޯޓުންވަނީ ހައިކޯޓުގެ ނިންމުން ދަމަހައްޓާފައެވެ.

މިމައްސަލަ ބެއްލެވި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނެރުވި ރަޢުޔުގައި ވަނީ މިމައްސަލައިގައި ހައިކޯޓުން ނިންމި ނިންމުން ބާތިލުކުރަން ޝަހީބުގެ ފަރާތުން އެދިފައިވީނަމަވެސް މައްސަލަ ސާބިތުވާ ވަރަށް ޝާހީބާ ދެކޮޅަށް ހެކިހުރިކަން އެންގެން އޮތްކަމަށެވެ. އަދި އެމައްސަލަ ހައިކޯޓުގައި ކުރިއަށްގެންގޮސްފައިވާ ގޮތަށްބަލާއިރު ޝަހީބު އިބްރާހީމް ބަންދުގައި ބެހެއްޓުމަށް ހުރަހެއް އޮތްކަމަށް ދެކިވަޑައިނުގަންނަވާކަމަށާއި، ހައިކޯޓުގެ ޙުކުމަށް ބަދަލުގެންނަން ޖެހޭ ކަމެއް އޮތްކަމަށް ނުދެކޭކަމަށް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނެރުވި ރަޢުޔުގައި ވިދާޅުވިއެވެ.

ނަމަވެސް ކުށެއްގެ ތުހުމަތުކުރެވުމަކީ ހަމައެކަނި އެސަބަބައްޓަކައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއްނޫންކަން ފާހަގަކުރައްވަމުން ޑރ. މުޙައްމަދު އިބްރާހީމް ގެ ރައުޔުގައިވަނީ ޝަހީބުގެ މައްޗަށް ތުހުމަތު ކުރެވުނީ ބޮޑު ކުށެެއްކަމުގައިވިއަސް އޭނާއަކީ މުޖުތަމަޢަށް ނުރައްކާ ކުރުވަފާނެ ނުވަތަ ހެކިންނަށް ނުފޫޒުފޯރުވާފާނެ މީހެއްކަމަށް ދެކިވަޑައިނުގަންނަވާކަމަށް ފާހަގަކުރައްވާފައެވެ.

މިމައްސަލާގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނެރުވި ރަޢުޔަށް ދެންތިއްބެވި ފަނޑިޔާރުން ތާޢީދުކުރެއްވުމުން މައްސަލަ ބެއްލެވި ފަނޑިޔާރުގެ އިއްތިފާޤުން ޙުކުމްކުރީ މިމައްސަލައިގައި ހައިކޯޓުން ނިންމެވި ނިންމެވުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާއި ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމަށް ބެލެވޭނެކަމެއް ނެތްކަމަށާއި، އެހުޙުކުމަށް ތާޢީދުކުރުމަށެވެ.

ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި އެކު ހިންގި ހާއްސަ އޮޕރޭޝަނެއްގައި ހުޅުމާލޭ ފަޅުތެރޭގައި އޮތް ދޯންޏަކުން 130 ކިލޯ މަސްތުވާތަކެތި އަތުލައިގަތީ ނޮވެންބަރު 12ވަނަ ދުވަހުގައެވެ.

މިމައްސަލައިގައި ޕީއެންސީގެ ކުރީގެ ކައުންސިލް މެމްބަރު އަދި ކުރީ ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ކޯޑިނޭޓަރ ޝަހީބުގެ އިތުރުން 6 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ މި ތަކެތި އެތެރެކުރުމުގައި ޝަހީބާއި އެކު އިސްކޮށް ހުރިކަމަށް ތުހުމަތުކުރާ ހއ.ހޯރަފުށި ވައިލެޓްވިލާ، ޢުމުރުން 48 އަހަރުގެ އަޙުމަދު މޫސާއާއި 18 އަހަރުން ދަށުގެ ކުޑަކުދިންނެވެ.