ޚަބަރު

ސަރުކާރުން ގަންނަ ވެކްސިންވެސް ރައްޔިތުންނަށް ހިލޭ


ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އެތައް ބަޔަކަށް ޖެހި މިބަލީގައި އެތައްބަޔަކު އަންނަނީ މަރުވަމުންނެވެ. މިބަލިމަޑުކަމަށް އަހަރެއް ވެފައިވާއިރު، ބައްޔާ ދެކޮޅަށް ދޭނެ ބޭހެއް ނުވަތަ ވެކްސިނެއް ތައްޔާރުކުރުމަށްޓަކައި އެކި ޤައުމުތަކުން ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިހާރުމިވަނީ މިކަމުގެ އުއްމީދު އައުވެފައެވެ. އެގޮތުން މިބައްޔާ ދެކޮޅަށް މިހާތަނަށް ތައްޔާރުކުރެވުނު ވެކްސިން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަންނަނީ ޓެސްޓްކުރަމުންނެވެ. ކޯވިޑް-19އާ ދެކޮޅަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ޑަބްލިއުއެޗްއޯއިން ރައްކާތެރިކަން ކަށަވަރުކުރާ ވެކްސިން ރާއްޖެއަށް ގެނައުމަށްވެސް ވަނީ ނިންމާފައެވެ. ކޯވިކްސް ފެސިލިޓީގެ ދަށުން މިވެކްސިން އާބާދީގެ 20 އިންސައްތައަށް ހިލޭ ލިބޭއިރު ރާއްޖެއިން ފައިސާ ދީގެން ގަންނަ ވެކްސިންތައްވެސް ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤައުމީ ވެކްސިން ޕްރޮގްރާމްގެ ހެޑް، ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި، ރާއްޖޭގައި ހުރިހާ މީހުންނަށްވެސް ވެކްސިން ހިލޭ ޖަހާދިނުމަށް ހަމަޖެހިފައިވާކަމަށެވެ. މި ދަނޑިވަޅަކީ ހުރިހާ ޤައުމަކުންވެސް ވެކްސިން ހޯދުމަށް މަސައްކަތް ކުރާ ދަނޑިވަޅެއްކަން ފާހަގަކުރައްވާ ނަޒްލާ ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތްކުރައްވަމުން ދަނީ ސަރުކާރުން ވެކްސިންތައް ގެނައުމަށްކަމަށެވެ. އަދި ވެކްސިން އުފެއްދޭ މިންވަރު އިތުރުވުމުން އަމިއްލަ ފަރާތްތަކަށްވެސް ވެކްސިން ގެނައުމުގެ ފުރުޞަތު ހުޅުވިގެންދާނެކަމަށް އުއްމީދުކުރައްވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"ވެކްސިން ދެވޭނެ އެންމެންނަށްވެސް ވެކްސިން ފޯރުކޮށްދޭނެ. ވެކްސިން ރާއްޖެއަށް ގެންނަން ޖެހޭނީ ރަޖިސްޓަރ ކޮށްގެން. މިވަގުތު ވެކްސިން ހޯދުމަށް ދަތިވެގެން އުޅޭނީ. އާއްމު ފަރާތްތަކަށް އަދި އެހާ ފަސޭހައެއް ނުވާނެ ވެކްސިން ރާއްޖެއަށް ގެނައުމަށް. ފަހަރުގައި އަންނަ އަހަރު ނިމޭތާ އެ ފުރުޞަތު ހުޅުވިގެންދާނެކަމަށް އުއްމީދުކުރަން." ޑރ. ފާޠިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.

ޑރ. ނަޒްލާ ވަނީ ވެކްސިން ޖެހިކަމުގައި ވީނަމަވެސް ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުން ކުރަން ޖެހޭ ކަންކަން ކުރުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އެގޮތުން ސައިބޯނި ލައިގެން އަތް ރަނގަޅަށް ދޮވުން ފަދަ ކަންކަން ކުރުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ ސަބަބުން ކޯވިޑް-19 އިގެ އިތުރަށް އެހެނިހެން ބަލިތަކުންވެސް ރައްކާތެރިވެވޭނެކަން ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

ޤައުމީ ވެކްސިން ޕްރޮގްރާމުން ވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގައި ކޯވިޑް-19އިގެ ވެކްސިން ޖަހަން ފަށާނެކަން ހާމަކޮށްފައެވެ. އަދި މިހާރު އެންމެ ރައްކާތެރި ވެކްސިން ރާއްޖެއަށް އަވަހަށް ގެނައުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އަދި ވެކްސިން ޖެހުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވެސް މިހާރު އަންނަނީ ވަމުންނެވެ. އެގޮތުން މިކަމަށް ޚާއްސަ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާ ވެކްސިން ޖަހަން ޖެހޭ މީހުންގެ މަޢުލޫމާތު މިހާރު އަންނަނީ އެއްކުރަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހަން ފަށާއިރު އާބާދީގެ 3 އިންސައްތައަށް ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ. މިބައިގައި އެންމެ އިސްކަންދޭނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. އެގޮތުން ވެކްސިންގެ 3 އިންސައްތަ ޚާއްޞަކޮށްފައިވާނީ ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.