ރާއްޖެއިން ކޯވިޑް-19 އަށް ވެކްސިން ހޯދުމުގައި ބަރޯސާވަނީ ހަމައެކަނި ކޮވެކްސް ފެސިލިޓީން ފޯރުކޮށްދޭ ވެކްސިނަށް ނޫންކަމަށާއި އެހެނިހެން ގޮތްގޮތުންވެސް ވެކްސިން ހޯދުމަށް މަސައްކަތްކުރަމުން އަންނަކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ. އެސެންޓަރުން މިހެން ވިދާޅުވީ ރާއްޖެއިން ބައިވެރިވެފައިވާ ކޮވެކްސް ޕްރޮގްރާމް ފެއިލްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް، ރޮއިޓާސް އިން ދިރާސާކުރި އިންޓަރނަލް ރިޕޯޓަކުން ހާމަކުރުމާ ގުޅިގެންނެވެ.
ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ވިދާޅުވީ ކޮވެކްސް ފެސިލިޓީން ހިލޭ ފޯރުކޮށްދޭ ވެކްސިން ނުލިބޭނެކަން ނިންމަން އަވަސް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ކޮވެކްސްގެ އިތުރަށް އެކި ޤައުމުތަކާ ވާހަކަދައްކައިގެން ރާއްޖެއަށް ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަ ކުރައްވާ ނަޒްލާ ވިދާޅުވީ އެކަމުގެ ތަފްސީލުތައް އެގްރިމެންޓަކާ ހަމައަށް ދެވުމުން ހިއްސާކުރައްވާނެކަމަށެވެ. ނަޒްލާ ވިދާޅުވީ މި ވަގުތު އެންމެ ކުރީގައި އުޅޭ މޮޑާނާ އާއި ފައިޒާގެ ކޮވިޑް ވެކްސިން ނުލިބުނަސް މިހާރު ވެސް ނުވަ ވެކްސިނެއް ޔަގީންވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި ދެން އެންމެ އަވަހަށް އަންނާނެ ކަމަށް ބެލެވޭ އޮކްސްފޯޑުގެ ވެކްސިން ހިމެނޭކަމަށާއި ވެކްސިން ތައްޔާރުކޮށް ފޯރުކޮށްދޭނެ އިތުރު ފަރާތްތަކާއެކުވެސް ކޮވެކްސްގެ ފަރާތުން ވާހަކަދައްކަމުން އަންނަ ކަމަށް ނަޒްލާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހަމައެކަނި ކޮވެކްސް އިން ލިބޭ ވެކްސިން ލިބޭނެކަމަށް ނިންމައި އެކަމަށް އެކަނި ތައްޔާރުވެއެއް ނޫން މި ތިބީ. އިތުރު ވެކްސިން ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މި އަންނަނީ" ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.
އަންނަ އަހަރު ނިމުމުގެ ކުރިން ކޯވިޑްގެ އެންމެ ރިސްކް ބޮޑު އާބާދީގެ 20 އިންސައްތައަށް ވެކްސިން ދެވޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ކުރިން ބުނެފައެވެ. ނަމަވެސް ރޮއިޓަރސް އިން ބުނީ 2024 ވަނަ އަހަރާ ހަމައަށް ވެސް ފަގީރު ގައުމުތަކުގައި ދިރިއުޅެމުންދާ އެތައް ބަޔަކަށް ވެކްސިން ނުޖެހިދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ.
ކޮވެކްސް ފެސިލިޓީގެ ދަށުން އާބާދީގެ 20 އިންސައްތައަށް ވެކްސިން ހިލޭ ލިބޭއިރު ރާއްޖެއިން ފައިސާ ދީގެން ގަންނަ ވެކްސިންތައްވެސް ރައްޔިތުންނަށް ހިލޭ ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. އަދި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭގައި ކޯވިޑް-19އިގެ ވެކްސިން ޖަހަން ފަށާނެކަންވެސް ވަނީ ހާމަކުރައްވާފައެވެ. އެހެންނަމަވެސް ރާއްޖެއަށް ވެކްސިން ގެންނާނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ރާއްޖޭގައި ފުރަތަމަ ވެކްސިން ޖަހަން ފަށާއިރު އާބާދީގެ 3 އިންސައްތައަށް ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ. މިބައިގައި އެންމެ އިސްކަންދޭނީ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޚިދުމަތްތެރިންނާއި ސިއްޚީ ގޮތުން އެންމެ ނާޒުކު ހާލަތުގައި ތިބި މީހުންނަށެވެ. އެގޮތުން ވެކްސިންގެ 3 އިންސައްތަ ޚާއްޞަކޮށްފައިވާނީ ކޯވިޑް-19އިގެ ޙާލަތާއި ގުޅިގެން ކުރީސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކަށެވެ. އަދި 17 އިންސައްތަ ޚާއްޞަކުރާނީ އުމުރުން 50 އަހަރުން މަތީގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށެވެ.