ޚަބަރު

މާލޭގައި ބޭއްވި ކައިވެނި ހަފްލާއަކަށް ދިޔަ 35 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


މިމަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނީގެ ހަފްލާއަކަށް ދިޔަ 35 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ. މީގެ ތެރޭގައި ހައިރިސްކް މީހުންވެސް ހިމެނޭކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
ޝީ ބިލްޑިންގްގައި މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު މިހަފްލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް މަޢުލޫމާތު ލިބޭއިރު އޭގެ ތެރޭގައި ކޯވިޑް-19ގެ އަލާމާތްތައް ހުރި ބަޔަކު ބައިވެރިވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

އެޗްޕީއޭއިން ދަނީ މިހަފްލާގައި ބައިވެރިވި އެންމެނާއި އަދި ހަފްލާގެ ކަންކަމުގައި ހަރަކާތްތެރިވި ފަރާތްތަކަށް ގުޅައި، އެންމެން ކަރަންޓީނު ކުރަމުންނެވެ. އަދި އެންމެ ހައި ރިސްކް ފަރާތްތައް ޓެސްޓް ކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.

މިހަފްލާއަށް ދިޔަ ފަރާތްތަކުގެ ތެރެއިން އެޗް.ޕީ.އޭއިން ނުގުޅާ ފަރާތްތަކުން 1676 އަށް ގުޅައި ވިހާވެސް ގިނަ މަޢުލޫމާތު ހިއްސާ ކުރުމަށްވެސް އެޗްއީއޯސީން ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަދި އެޗް.ޕީ.އޭ އިން މިހާތަނަށް ގުޅާފައި ނުވިނަމަވެސް މިކަމުގައި ހިމެނޭ ފަރާތްތަކުން ގެއިން ބޭރަށް ނުނިކުމެ ގޭގައި އެކަހެރިވެ ތިއްބެވުމަށް ވެސް އެޗްއީއޯސީން ވަނީ އެދިފައެވެ.

މިފަދަ ހަފްލާތައް ބާއްވާއިރު އެޗް.ޕީ.އޭ ގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކުރުމަށް ޚާއްސަ ސަމާލުކަމެއް ދީ ބަލީގެ އަލާމާތްތައް ހުރި މީހުން މިފަދަ ހަފްލާތަކަށް ނުދިއުމަށް އެޗްއީއޯސީން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި މާސްކްއެޅުމާއި، ގައިދުރުކަން ކަށަވަރުކުރެވޭނެ މިންވަރަށް ބަހާލައިގެން މީހުންނަށް ދައުވަތު ދިނުމަށާއި، ރަނގަޅަށް ވައި ދައުރުވާ ގޮތަށް ހަފްލާ އޮންނަ ތަން ބެހެއްޓުމަށާއި، ކާތަކެތި ސަރވް ކުރުމާއި ކެއުމުގައިވެސް ގައިޑްލައިންގައިވާ ގޮތަށް އިންތިޒާމު ހަމަޖެއްސުމަށް އެޗްއީއޯސީން ވަނީ ވިދާޅުވެފައެވެ.