އިނގިރޭސިވިލާތުން ރާއްޖެ އައި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވީ ކޯވިޑަށް ޕޮޒިޓިވްވި މީހާއަކީ މިމަހުގެ 20 ވަނަ ދުވަހު މާފަންނު ޝީ ބިލްޑިންގުގައި ބޭއްވި ކައިވެނި ހަފްލާގެ ކޯވިޑް ކްލަސްޓަރގައި ހިމެނޭ އާއިލާއަކަށް ނިސްބަތްވާ މީހެއް ކަމަށެވެ. އެހެން ނަމަވެސް މި މީހާ ރާއްޖެ އައިސްފައިވަނީ ޕާޓީގެ ފަހުން ކަމަށް އެޗްޕީއޭއިން މަޢުލޫމާތުދެއްވައެވެ.
އިނގިރޭސިވިލާތުން އައި މިމީހާ ރާއްޖެ އައިސްފައިވަނީ ކޯވިޑްއާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައިވާ ދަނޑިވަޅެއްގައިކަމުން، އެމީހާ ކަރަންޓީން ވެފައިނުވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އޭނާ ކޯވިޑަށް ޓެސްޓްކޮށްފައިވަނީ ބަލީގެ އަލާމާތްތައް ފެނިގެންކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި އޭނާ ކޯވިޑްއަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ ގައިން ފެނުނީ އިނގިރޭސިވިލާތުގައި މިހާރު ފެތުރެމުންދާ ކޯވިޑްގެ އާ ސްޓްރެއިންކަމެއް ނުވަތަ ނޫންކަމެއް ނޭނގޭކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
އިނގިރޭސިވިލާތުން އައި މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިނަމަވެސް، އޭނާއަކީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއްކަމަށް ހާމައެއްނުކުރައްވައެވެ. އަދި އެއީ ކޮން ޖިންސެއްގެ، ކޮން އުމުރެއްގެ މީހެއްކަމެއްވެސް އެޗްޕީއޭއިން ވިދާޅެއްނުވެއެވެ.
މިމަހުގެ 20 ވަނަ ދުވަހު މާފަންނު ޝި ބިލްޑިންގުގައި ބޭއްވި ކައިވެނި ހަފްލާއިން މިހާތަނަށް 41 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ވިދާޅުވެއްޖެއެވެ. މީގެ ތެރޭގައި ރިސްކު ބޮޑު މީހުންވެސް ހިމެނޭކަމަށް އެސެންޓަރުން ވިދާޅުވެއެވެ. ކައިވެނީގެ މިޙަފްލާގައި ގާތްގަނޑަކަށް 120 މީހަކު ބައިވެރިވެފައިވާ ކަމަށާއި، ކޯވިޑް-19ގެ ޢަލާމަތްތައްހުރި މީހުންވެސް މިޕާޓީގައި ބައިވެރިވެފައިވާކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ.
އިނގިރޭސިވިލާތުގައި ކޯވިޑްގެ އާ ސްޓްރެއިންއެއް ފެތުރެމުންދާއިރު، އެޤައުމުން އަންނަ މީހުންނާއި އެޤައުމުގައި ޓްރާންސިޓްވެފައި އަންނަ މީހުންވެސް ކަރަންޓީންވާންޖެހޭގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ.