ޝީ ބިލްޑިންގގައި ބޭއްވި ކައިވެނީގެ ހަފްލާއިން އުފެދުނު ކްލަސްޓަރއިން މިހާތަނަށް 68 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެެއެވެ.
ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީޤް ވިދާޅުވީ އެކްލަސްޓަރއިން ޕްޒިޓިވްވި މީހުންގެ ކޮންޓެކްޓުންގެ ގޮތުގައި 229 މީހުން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށެވެ.
މީގެތެރެއިން 68 މީހުންނަކީ ބަލީގެ ޢަލާމާތްތައް ފެންނަ މީހުންކަމަށާ، ހައިރިސްކް މީހުންގެ ގޮތުގައިވެސް 71 ކޮންޓެކްޓުން ފާހަގަކުރެވިފައިވާކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. މިހާތަނަށް މި ކްލަސްޓާއާ ގުޅިގެން 262 ސާމްޕަލް ނަގާފައިވާއިރު، ކްލަސްޓާގެ ކޭސްތައް ފެންނަން ފަށާފައިވަނީ މިމަހުގެ 24ވަނަ ދުވަހުން ފެށިގެންނެވެ.
ކޯވިޑް-19ގެ ކޭސްތައް މާލެ ސަރަޙައްދުގައި މަދުވަމުންދިޔުމާ ގުޅިގެން އެޗްޕީއޭއިން މިހާރުވަނީ ވަކި އުސޫލެއްގެ ދަށުން އެކި ހަފްލާތަކާއި ރަސްމިއްޔާތުތަކާއި ބައްދަލުވުންތައް ބޭއްވުމުގެ ހުއްދަ ދެއްވާފައެވެ. އޭގެ ދަށުން މީހުންނަށް ދައުވަތު ދިނުމުގައިއާއި ބަންދު ތަންތަނުގައި މިފަދަ އިވެންޓުތައް ބާއްވާނަމަ ޢަމަލުކުރަންވީ ގޮތާއި ކެއިންބުއިމުގެ ކަންކަން އިންތިޒާމުކުރަންވީ ގޮތް ވަރަށް ސާފުކޮށްވަނީ ބަޔާންކުރައްވާފައެވެ.
އަދި މިހާރު ދީފައިވާ ލުއިތަކާއެކުވެސް ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން ނޫނީ ކޯވިޑް-19ގެ ވައިރަހުގެ ނުރައްކާ ކުޑަނުކުރެވޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.