އެޑިއުކޭޝަން މިނިސްޓްރީން 2017ވަނަ އަހަރު ބައެއް މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ ދައުލަތަށް ގެއްލުންވާގޮތަށްކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީނޫނަސް އިތުރު އެތައް މައްސަލައެއް އެޑިއުކޭޝަން މިނިސްޓްރީގެ 2017ވަނަ އަހަރުގެ މާލީ ހިސަބުތަކުގައި ހުރިކަން އޮޑިޓް ރިޕޯޓުންވަނީ ހާމަކޮށްފައެވެ.
ދައުލަތުގެ ފައިސާ ހޭދަކުރަންވާނީ ވާދަވެރި މާޙައުލެއްގެ ތެރެއިން އިޤުތިޞާދީގޮތުން އެންމެ ފައިދާހުރި، އަދި ހާމަކަންބޮޑު ޒިންމާދާރު ގޮތެއްގެމަތިންކަން ޔަގީންކުރަންވާނެ ކަމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް 2017ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ޢަމަލުކޮށްފައިވަނީ އެގޮތަށް ނޫންކަމަށް އޮޑިޓަރ ޖެނެރަލް އޮފީހުން ވަނީ ވިދާޅުވެފައެވެ. އޮޑިޓަރ ޖެނެރަލް އޮފީހުން ޢާއްމުކޮށްފައިވާ އެޑިއުކޭޝަން މިނިސްޓްރީގެ 2017ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައިވަނީ އެއަހަރު އެމިނިސްޓްރީން ބައެއް މަޝްރޫޢޫތައް ޙަވާލުކޮށްފައިވަނީ މިޤަވާޢިދާ ޚިލާފަށް ދައުލަތަށް ގެއްލުންވާ ގޮތަށްކަމަށެވެ.
އޮޑިޓް ރިޕޯޓުގައިވަނީ 2016ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ނޭޝަނަލް ޓެންޑަރ ބޯޑު މެދުވެރިކޮށް މ.ކޮޅުފުށީ ސްކޫލްގައި ކްލާސްރޫމް ހަދަން ސްވިފްޓް އިންޖިނިއަރިންއާ ޙަވާލުކުރި 48މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢެއް ހުއްޓާލުމަށް ފިނޭންސް މިނިސްޓްރީން އެންގުމުން އެއެއްބަސް އުވާލާފައިވާކަމަށެވެ. އަދި މިމައްސަލައިގައި އެކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގައި އިތުރު 5 މަޝްރޫޢެއް އެކުންފުންޏާ ޙަވާލުކުރުމަށް ރައިސުލްޖުމްހޫރިއްޔާއަށް ހުށައެޅުމަށް އޯލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން އޭ.ޑީ.އާރް ކޮމިޓީންވަނީ ނިންމާފައިކަމަށެވެ.
މިމައްސަލާގައި ރައިސް އޮފީހުންވަނީ އެޑިއުކޭޝަން މިނިސްޓްރީން ބޭނުންވާގޮތް ހާމަކޮށް އޭޑީއާރް ކޮމިޓީއަށް ހުށަހަޅައި އެކޮމިޓީއަށް ފެންނަ ގޮތަކަށް ކުރިއަށްގެންދިޔުމަށް ލަފާދެއްވާފައެވެ. އެހެންނަމަވެސް އެކޮމިޓީގެ ލަފަޔާނުލައި މަސައްކަތުގެ ސްކޯޕަށް ބަދަލުގެނެސް އެކަށީގެންވާ ވަރަށްވުރެ ބޮޑު އަގުގައި މަސައްކަތްކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މ.ކޮޅުފުށީ ސްކޫލްގައި 8 ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލެއް ތަރައްޤީކުރުމަށް ސްވިފްޓް އިންޖިނިއަރިންއާ ހަވާލުކޮށްފައިވަނީ ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ. ހަމަ މިމަޝްރޫޢަށް ބިޑު ކުރި ކުންފުނިތަކުގެ ތެރެއިން ކުންފުންޏަކުން 7.6 މިލިއަނަށް މިމަސައްކަތްކޮށްދޭން ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށައެޅުމުން އެމަސައްކަތްވެސް އެކުންފުންޏާ ޙަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ.
މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓީއަށް މައްސަލަ ހުށަހެޅުމަށް އޮޑިޓް އޮފީހުންވަނީ ލަފާ ދެއްވާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށް ދައުލަތުގެ މާލިއްޔަތު ޤާވާއިދަށް ޢަމަލުކުރުމަށްވަނީ ވިދާޅުވެފައެވެ.
މީގެއިތުރުންވެސް ބައެއް މައްސަލަތައް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދަރުމަވަންތަ ސްކޫލް ތަޅާލުމަށް ކުރިއަށްގެންދިޔަ މަޝްރޫޢުގެ ވޭރިއޭޝަންގެ ގޮތުގައި ހުއްދަކޮށްފައިވާ ޢަދަދު މަޝްރޫޢުގެ އަގުގެ %10އަށްވުރެ ބޮޑުކަންވަނީ ފާހަގަކޮށްފައެވެ. އަދި އޯޑަރު ކުރެވުނުތަކެތި ލިބުނުކަން ކަށަވަރުކުރުމަކާނުލައި އަދި މަސައްކަތް ނިމުނުކަން ކަށަވަރުނުކޮށް ބިލްތަކަށް ފައިސާ ދައްކާފައިވާކަންވެސް އޮޑިޓް ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި އަހަރު ނިމުނުއިރު ނުދައްކާހުރި ބިލްތަކުގެ ޢަދަދު މާލީ ބަޔާނުގައި ހިމަނާފައިނުވާކަމަށް އޮޑިޓް ރިޕޯޓުގައިވަނީ ބަޔާންކޮށްފައެވެ. މީގެއިތުރުން ގަވާއިދުގައި ބަޔާންކުރާ ގޮތަށް ދައުލަތުގެ ހަރުމުދާ ބަލަހައްޓާފައިނުވާކަމަށްވެސް އޮޑިޓް ރިޕޯޓުގައިވަނީ ވިދާޅުވެފައެވެ.