މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިފްތިތާޙްކޮށްފިއެވެ.
ސޯޝަލް ސެންޓަރުގެ ސެމިނަރ ރޫމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "އެން.ޖީ.އޯ ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިޙާހުކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއެވެ.
"އެން.ޖީ.އޯ ގްރާންޓް ޕްރޮގްރާމް" އިފްތިޙާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދުދީދީ ވިދާޅުވީ، މުޖުތަމަޢުއެއް ކުރިއަރާނީ އެ މުޖުތަމަޢުއެއްގައި އުޅޭ ކުދިބޮޑު އެންމެންނަކީ އެމީހުންގެ ބޭނުންތައް ހާޞިލުކުރުމުގައާއި ކުރިމަތިވާ އެންމެހާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ބާރުވެރިވެފައިވާ ބަޔަކަށް ހެދިގެންކަމަށެވެ. އަދި މިކަމުގައި އެދެވޭ ނަތިޖާތަކެއް ޙާޞިލުކުރެވޭނީ މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާކުރެވިގެންކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އަލަށް އިފްތިތާޙްކުރެވުނު މި ޕްރޮގްރާމަކީ ޤައުމީ ތަރައްޤީގައި މަދަނީ ޖަމިއްޔާތަކުގެ ދައުރު މިހާރަށްވުރެ ފުޅާވެ، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އެން.ޖީ.އޯ ގްރާންޓް ޕްރޮގްރާމް"ގައި ސްޕެޝަލް ގްރާންޓުގެ ގޮތުގައި ޚާއްސަ ދާއިރާތަކަށް އިސްކަން ދެއްވާފައިވާކަން ފާހަގަކުރައްވާ ޖެންޑަރ މިނިސްޓަރ ވިދާޅުވީ، މިއީ މުޖުތަމަޢުގެ ތެރޭގައި ހިމެނޭ ނާޒުކު ހާލަތްތަކުގައި އުޅޭ ފަރާތްތައް ބާރުވެރިކުރުވުމަށް ލިބޭ މުހިއްމު ފުރުޞަތެއްކަމަށެވެ. އަދި އާއިލާތަކާ ގުޅިގެންދެވޭ އެކި އެކި ޚިދުމަތްތަކަށް ޚާއްސަ މަދަނީ ޖަމިއްޔާތައް އިތުރުވުމަށް ލިބޭ ހިތްވަރަކަށްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިހާރު އެންމެ ނުކުރެވޭ ކަމެއްގެގޮތުގައި މިއޮތީ އާއިލާތަކާއެކު މީޑިއޭޝަންގެ މަސައްކަތްކުރާނެ ބަޔަކު ނެތުން. ރާއްޖޭގައި ވަރަށް މަދު މީޑިއޭޝަން މަސައްކަތްކޮށްދޭ އެން.ޖީ.އޯތައް. އަޅުގަނޑު އުއްމީދުކުރަން މިފަދަ ގްރާންޓްސްތަކުން މަގުފަހިވެގެން އަޅުގަނޑުމެންނަށްދާނެކަން މިދެންނެވިކަހަލަ އާއިލާތަކާއެކު މަސައްކަތްރާނެ ގިނަ އެން.ޖީ.އޯތަކެއް އުފެދުމަށް. އަޅުގަނޑުމެންނަށް އައިލާތަކާއެކު ކޮންމެ ރަށެއްގައި މަސައްކަތްކުރާނެ އެން.ޖީ.އޯއެއް އެސްޓެބްލިޝްކުރެވިއްޖެކަމަށްވަންޏާ އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އާއިލީ ދުޅަހެޔޮކަން މުޖުތަމަޢުގެ ދުޅަހެޔޮކަން ބަދަލުވެގެންދާނެއޭ. ތަފާތުވެގެންދާނެއޭ" ޖެންޑަރ މިނިސްޓަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚްލޫފް ވިދާޅުވީ، މިދިޔަ އަހަރުވެސް އެ މިނިސްޓްރީން މި ޕްރޮގްރާމަށް ކުރިމަތިލުމަށް އިޢުލާންކުރިކަމަށާއި ނަމަވެސް އެފަހަރު ޕްރޮޕޯސަލް ލިބުނީ އެންމެ 16 މަދަނީ ޖަމިއްޔާއަކުންކަމަށެވެ. އެހެންކަމުން މިފަހަރު މަދަނީ ޖަމިއްޔާތަކުގެ ބައިވެރިވުމާއި ޝަޢުގުވެރިކަން އިތުރުކުރުމަށް ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކެއް ހިންގުމަށް ރާވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކޮމިއުނިޓީ އެމްޕަވަރމަންޓް ޑިޕާޓްމަންޓުން ތައްޔާރުވަމުން އެދަނީ މި ޕްރޮގްރާމުގެ ޑެޑްލައިން ހަމަވުމުގެ ކުރިން ރާއްޖޭގެ 5 ސަރަހައްދެއްގައި ކެޕޭސިޓީ ބިލްޑިންގ ޕްރޮގްރާމްތަކެއް ހިންގަން ޕްރޮޕޯސަލްތައް ތައްޔާރުކުރުމަށްޓަކާ. އެހެންވީމަ އަޅުގަނޑު އުއްމީދުކުރަނީ އެކި ސަރަޙައްދުތަކުގައި މި ބޭއްވޭ ޓްރެއިނިންގ ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ޖަމިއްޔާތައް ބައިވެރިވެގެން މި ގްރާންޓް ޕްރޮގްރާމުގައި ބައިވެރިވުމަށް ޕްރޮޕޯސަލްތައް ހުށަހެޅިގެންދާނެކަމަށް" މިނިސްޓަރ މަޚްލޫފް ވިދާޅުވިއެވެ.
ޔޫތު މިނިސްޓްރީން އިފްތިތާޙުކޮށްފައިވާ "އެން.ޖީ.އޯ ގްރާންޓް ޕްރޮގްރާމް"އަކީ ޤައުމީ ތަރައްޤީއަށް ސަރުކާރުން ކަނޑައަޅާފައިވާ 5 އަހަރުގެ އޮނިގަނޑުގައިވެސް ހިމަނާފައިވާ މުހިއްމު ޕްރޮގްރާމެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. މި ޕްރޮގްރާމުގައި މަދަނީ ޖަމިއްޔާތަކަށް މާލީ އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ތަފާތު 3 ކެޓެގަރީއަކުންނެވެ. އެގޮތުން ޖެނެރަލް ޕްރޮޖެކްޓް ގްރާންޓްގެ ގޮތުގައި 200000 ރުފިޔާއާއި ހަމައަށް އެހީ ފޯރުކޮށްދެވޭނެއެވެ. އަދި ސްމޯލް ގްރާންޓްގެ ގޮތުގައި 50000 ރުފިޔާއާ ހަމައަށް އެހީ ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާއިރު، ސްޕެޝަލް ގްރާންޓުގެ ކެޓެގަރީއެއްވެސް ހިމަނާފައިވެއެވެ. މި ޕްރޮގްރާމަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވަނީ އަންނަ ފެބްރުއަރީމަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ.