ކުޅިވަރު

ފްރާންސްގެ ޝީލްޑް މެޗު ޕީއެސްޖީ ކާމިޔާބުކޮށްފި


ޗެމްޕިއަންސް އޮފް ފްރާންސް ޓްރޮފީ ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ. މިއީ ފްރާންސްގެ ލީގު ޗެމްޕިއަނުންނާއި ލީގު ކަޕްގެ ޗެމްޕިއަނުންނާ ދެމެދު ކުޅޭ މެޗެކެވެ.

ފްރާންސްގެ ލެންސްގައި ކުޅުނު މެޗު ކާމިޔާބުކޮށް ޕީއެސްޖީން ތަށި އުފުލާލީ މާސޭ ވާދަކޮށް 2-1 ލަނޑުންނެވެ. ފުރަތަމަ ހާފްގައި މައުރޯ އިކާޑީ ލަނޑެއް ޖަހައި ކުރި ހޯދައިދީފަވަނިކޮށް ޕީއެސްޖީއަށް ލީޑު އިތުރަށް ފުޅާކޮށްދިނީ ލިބުނު ޕެނެލްޓީއަކުން ނޭމާއެވެ. މިއީ އަނިޔާއިން އެނބުރިއައިސް އޭނާ ޕީއެސްޖީއަށް ކުޅުނު ފުރަތަމަ މެޗެވެ.

މާސޭގެ ހަމައެކަނި ލަނޑު މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ކާމިޔާބުކޮށދިނީ ޑިމިޓްރީ ޕަޔެޓްއެވެ. މި މޮޅާއެކު ފްރާންސްގެ ކުލަބް ފުޓްބޯޅައިގެ ކާމިޔާބީ އެޓީމުން އަންނީ ދަމަހައްޓަމުންނެވެ. އެންމެފަހުން ފްރާންސްގެ އެތެރޭގެ މުބާރާތްތަކުގައ ވާދަކުރި 20 ފައިނަލުގެ ތެރެއިން 19 ފައިނަލެއް އެޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އެންމެފަހުން 8 ފަހަރުވެސް މިތަށި ކާމިޔާބުކޮށްފައިވަނީ ޕީއެސްޖީންނެވެ.

ޕޮޗެޓީނީއޯ ހަތަރު އަހަރު ސްޕެއިންގެ އެސްޕެނިއޯލްއާ އެކު ހޭދަކުރި އިރު ތަށްޓެއް ހޯދިފައިނުވާއިރު އިނިގރޭސި ކުލަބް ސައުތުހެމްޓަންއާ އެކު 16 މަސް އަދި ޓޮޓްނަމްއާ އެކު ހޭދަކުރި ފަސް އަހަރު ތެރޭގައި ތަށްޓެއް ހޯދުމާ ގާތަށް ދިޔައިރު ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

މިއީ އޭނާ ޕީއެސްޖީއާ ހަވާލުވުމަށްފަހު 11 ދުވަސް ތެރޭގައި ހޯދައިދިން ފުރަތަމަ ތަށްޓެވެ.