ވިޔަފާރި

ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލް ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ


ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ 113 ވަނަ އެގްޒެކެޓިވް ކައުންސިލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސްޕެއިން ސަރުކާރުން ހޮސްޓްކުރި މިބައްދަލުވުން ބޭއްވީ ޖަނަވަރީ 18-19 އަށް މެޑްރިޑްގައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ މިއަހަރު ފަހުކޮޅު މޮރޮކޯގައި ބާއްވަން ހަމަޖެހިފައިވާ ޔޫ.އެން.ޑަބުލިއު.ޓީ.އޯ ގެ 24 ވަނަ ޖެނެރަލް އެސެމްބްލީއަށް ހުށަހަޅާނެ ކަންތައްތައް ނިންމުމެވެ. އެގޮތުން 2022 އިން 2025 އަށް ޔޫ.އެން.ޑަބުލިއު.ޓީއޯގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރާނެ ބޭފުޅަކު ނޮމިނޭޓްކުރުމަށްޓަކައި ބޭފުޅަކު ކަނޑައެޅުމަށް އިންތިޚާބެއް ބޭއްވުނެވެ.

މި އިންތިޚާބު ކާމިޔާބު ކުރެއްވީ މިހާރުގެވެސް ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޒާރަބް ޕޮލޯލިކަޝްވިލިއެވެ.

މި ބައްދަލުވުމުގައި މެންބަރު ޤައުމުތަކުން އެޤައުމުތަކުގެ ފަތުރުވެރިކަމާއި ގުޅޭގޮތުންނާއި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ދައުރާއި ގުޅޭގޮތުން ވާހަކަދައްކާ ޚިޔާލުފާޅުކޮށް މަޝްވަރާކުރެވުނެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މަޢުޞޫމް ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭގޮތުން ފާހަގަކުރެއްވި ނުކުތާތަކުގެ ތެރޭގައި ކޯވިޑް އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަންނަމުންދާ ބަދަލުތަކާއި ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ ޓޫރިޒަމް ތަރައްޤީކުރެވިގެންދާނެ މިސްރާބަށް އަލިއަޅުވާލެއްވިއެވެ. އަދި 2021 ވަނަ އަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އިންވެސްޓްމަންޓަށް ފަހި އަހަރަކަށް ހެދުމުގެ ގޮތުން ޓޫރިޒަމް ޤާނޫނަށް ބަދަލުގެނެވިފައިވާ ކަމަށާއި އަދި އިންވެސްޓްމަންޓްތަކަށް ފުރުޞަތު ހުޅުވިގެންދާނެކަން ފާހަގަކުރެއްވިއެވެ.

2022 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ރަން ޔޫބީލް އަހަރު ކަމަށްވާތީ، އެއަހަރު ފާހަގަކުރުމުގެ ގޮތުން ޚާއްސަ ޕްރޮގްރާމްތަކެއް ރާވަމުންދާކަމަށާއި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ބައިވެރިވުމާއެކު ހިންގޭނެ ޙަރަކާތްތަކަކަށްވެސް ފުރުޞަތު ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ސްޕެއިންގެ ޕްރައިމް މިނިސްޓަރ ޕެދްރޯ ސަންޑޭޒް ތަޤްރީރުކުރެއްވިއެވެ. އެމަނިކުފާނުގެ ތަޤްރީރުގައި 2020 ވަނަ އަހަރަކީ ދުނިޔޭގެ ފަތުރުވެރިކަމަށް ބޮޑުލޮޅުމެއް ގެނައި އަހަރެއްކަމުގައި ވީނަމަވެސް ކުރިއަށްއޮތް ތަނުގައި ފަތުރުވެރިކަން ކުރިއަރައި މިސިނާޢަތުގެ ފައިދާ ހުރިހާ ޤައުމުތަކަށް ލިބެންފަށާނެކަމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މާޒީއަށް ބަލާއިރު ސުނާމީ ކާރިޘާފަދަ ފަތުރުވެރިކަމަށް އަންނަ ކޮންމެ މިކަހަލަ ލޮޅުމަކުން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތްކޮށް ކާމިޔާބު ހޯދިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މިބައްދަލުވުމުގެ ހަވާސާގައި ޓޫރިޒަމް މިނިސްޓަރ ޑރ.މަޢުޞޫމް ވަނީ ސްޕެއިންގެ ބޮޑުވަޒީރާއި މެޑްރިޑްގެ މޭޔަރ ޖޯސޭ ލުއިސް މާރޓިނޭޒް އަލްމޭނިއާ އާއި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ ސެކްރެޓަރީ ޖެނެރަލް މިސްޓަރ ޞޫރަ ޕޮލޯލިކަޝްވިލި އާއި އަދި މެންބަރު ޤައުމުތަކުގެ ޓޫރިޒަމް މިނިސްޓަރުންނާއި ވަފުދުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ.

މިނިސްޓަރ ސްޕެއިންއަށް ކުރައްވާ ދަތުރުފުޅުގައި ޔޫ.އެން.ޑަބުލިއު.ޓީ.އޯގެ އޭޝިއާ އެންޑް ޕެސިފިކްގެ ރީޖަނަލް ޑައިރެކްޓަރ މިސްޓަރ ހެރީ ހޮންގް އާއި ސްޕެއިންގެ ޓޫރިޒަމް ރިސާރޗާއި އިނޮވޭޝަންސްއާއިބެހޭ އިދާރާ ސެޖިތޫރު އާއި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ޖަމްޢިއްޔާ އެކްސެލްތޫރުގެ އިސްވެރިންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.