ވިޔަފާރި

އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ބީއެމްއެލްއަށް 80000 އަށްވުރެ ގިނަ އެޕްލިކޭޝަން


މިދިޔަ 9 މަސްދުވަހުތެރޭ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް 80000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށް ބީއެމްއެލްއިން ބުނެފިއެވެ.

ބީއެމްއެލްއިން ބުނީ ކޮވިޑް-19ގެ ސަބަބުން ހިދުމަތް ހޯދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު މި ދަތި އުނދަގޫ ދަނޑިވަޅުގައި ކަސްޓަމަރުންނަށް ލުއި ފަސޭހަކަމާއެކު ހިދުމަތް ހޯދުމަށް މަގުފަހިކުރުމަށް ބީއެމްއެލްއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތައް އޮންލައިންކޮށް އެދި ހުށަހެޅޭ ގޮތަށް ހަމަޖައްސާފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އެކައުންޓް ހުޅުވުމާއި، ކްރެޑިޓް އަދި ޑެބިޓް ކާޑަށް އެދި ހުށަޅުމާއި، ލުއި ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން މަލުލޫމާތު ފޯމު އަޕްޑޭޓް ކުރުމަށް 80000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅާފައިވާކަމަށެވެ. މިއީ މިދިޔަ އަހަރުގެ މާރިޗު މަހުން ފެށިގެން ޑިސެމްބަރުމަހުގެ ނިޔަލަށް ހުށަހެޅުނު އަދަދެކެވެ. އަދި މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %33 އަށް ވުރެ އިތުރު އަދަދެކެވެ.

ބީއެމްއެލް އިން ވަނީ ކޮވިޑް-19 ގެ ސަބަބުން ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ގިނަ ހިދުމަތްތައް އޮންލައިންކޮށް ހޯދުމަށް ވަނީ ބާރުއަޅާފައެވެ. މި ގޮތުން އިންޓަރނެޓް ބޭންކިންގެ އިތުރުން ހިދުމަތް ހޯދުމަށް ކަސްޓަމަރުން ބޭންކަށް އަންނަންޖެހޭ ގޮތަށް ހުރި ގިނަ ޚިދުމަތްތައް އޮންލައިންކޮށް ލިބޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މީގެ ތެރޭގައި އިންޓަރނެޓް ބޭންކިންގއަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރުމާއި، ޑިޖިޓަލް ޕިންގެ ޚިދުމަތުގެ އިތުރުން ޓީޓީއަށް އެދި ހުށަހެޅުމާއި، ޕޭރޯލްގެ ހިދުމަތް ހޯދުމަށް އީމެއިލް ކުރެވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

މީގެ އިތުރުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ އިން ކަނޑައަޅުއްވާފައިވާ ގައިދުރުކަން ބެހެއްޓުމުގެ އުސޫލޫތަކާ އެއްގޮތްވާ ގޮތުގެ މަތިން ބްރާންޗްތަކުން ކިއުބީއެޕް ނަންބަރުތަކަށް ޚިދުމަތް ދެމުންދާއިރު ސަރވިސް ސެންޓަރުތަކުން ހިދުމަތް ދެމުންދާނީ އެޕޮއިންޓްމަންޓަށެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން، އޮންލައިން ހިދުމަތްތައް ބޭނުންކުރާވަރު އިތުރުވެ، މިހާރު ބޭންކުގެ 90 ޕަސެންޓް އަށް ވުރެ ގިނަ ކަސްޓަމަރުން އިންޓަނެޓް ބޭންކިންގެ ހިދުމަތްތައް ބޭނުންކުރާކަމަށް ބީއެމްްއެލްއިން ބުނެއެވެ.