ޚަބަރު

ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެފުރުސަތު ހުޅުވާލައިފި


ކޯވިޑް-19ގެ ސަބަބުން "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމް"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ވިދާޅުވީ މިކަމަށް އެދި ހުށައަޅަންޖެހެނީ އެކަމަށް ޚާއްސަ ފޯމު މެދުވެރިކޮށްކަމަށެވެ. އެގޮތުން "ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އަމިއްލައަށް އެދޭ ފަރާތްތަކުން އެހީތެރިކަމަށް އެދި ހުށަހަޅާ ފޯމު" މިނިސްޓްރީގެ ވެބްސައިޓުގައި ހުންނާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިނިސްޓްރީގެ ހޮޓްލައިން 1421 އަށް ގުޅައިގެން ނުވަތަ އީމެއިލްގެ ޒަރިއްޔާއިންވެސް މިޕްރޮގްރާމްގައި ބައިވެރިވެވޭނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މިފުރުސަތަކީ ކޯވިޑް-19އިގެސަބަބުން ޙާލަތު ބަދަލުވެ ރަށަށް ބަދަލުވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޖެންޑަރ މިނިސްޓްރީއަށް ލިބިދޭ ބާރާއި އިޚްތިޔާރުގެ ދަށުން ހުޅުވާލާފައިވާ ފުރުސަތެއްކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ މީގެ އެންމެ ބޮޑު މަޤްސަދަކީ ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ކުރިމަތިވި އެކި ދަތިތަކުން އަރައިގަނެ ޢާއްމު ޙާލަތަކަށް ރުޖޫޢަވުމަށް މަސައްކަތްކުރުމާއި މިދަނޑިވަޅުގައި ދިރިއުޅުމުގެ ޙާލަތު ހުރިގޮތުން އަމިއްލަ ރަށަށް ބަދަލުވުމަށް މާލީގޮތުން ދަތިތަކާއި ކުރިމަތިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. މިހާލަތުގައި ގިނަ ޢާއިލާތަކެއް މާލީ ބޮޑެތި ދަރަނިވެރިކަމުގައި ތާށިވަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށާއި މިޕްރޮގްރާމްގެ ސަބަބުން އެފަދަ މައްސަލަތަކަށް ޙައްލުލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ 500 ޢާއިލާއަކަށް އަމާޒުކޮށްގެން ހިންގޭ މި ޕްރޮގްރާމްގެ ތެރެއިން ދެވޭ އެހީތަކުގެ ތެރޭގައި އެސްޓަބްލިޝްމަންޓް ސަޕޯޓު އެލަވަންސާއި ދަތުރުފަތުރުގެ ޚަރަދު ހަމަޖައްސައިދިނުމަށް ފޯރުކޮށްދެވޭ މާލީ އެހީތެރިކަމާއި ގޯތި ނުވަތަ ޢިމާރާތް މަރާމާތުކުރުމަށް ފޯރުކޮށްދެވޭ މާލީ އެހީތެރިކަމާއި ގޭބީސީގައި ހިފައިގެންގުޅޭ ތަކެތި ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީގެ އިތުރުން ގޭބީސީގެ ފަރުނީޗަރު ހޯދުމަށް ފޯރުކޮށްދެވޭ މާލީ އެހީތެރިކަން ހިމެނޭކަމަށެވެ. ޖެންޑަރ މިނިސްޓްރީން ގެންދަވަނީ ކޯވިޑް-19ގެ ސަބަބުން ޙާލުގައި ޖެހިފައިވާ އެކި ފަރާތްތަކަށް ބޭނުންވާ ޒަރޫރީކަންކަން ފޯރުކޮށްދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.