ޚަބަރު

ރަށަށް ބަދަލުވާން އެދުނު އާއިލާތައް އަންނަ ހަފްތާގައި ފޮނުވާލަނީ


ކޯވިޑު-19އިގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން މިހާތަނަށް އެދުނު ފަރާތްތައް އަންނަ ހަފްތާތެރޭ އެމީހުންގެ ރަށަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެކަމަށް އެދުމުގެ ފުރުޞަތު ޖެންޑަރ މިނިސްޓްރީން ހުޅުވާލީ މިމަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19އިގެ ސަބަބުން ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުޞަތުގައި މިހާތަނަށް 5 އާއިލާއަކުން އެކަމަށް އެދިފައިވާކަމަށެވެ. އަދި މިހާރު ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން އެމީހުންގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓްތައް ހަދަމުން އަންނަކަމަށާއި އެ އާއިލާތަކަށް ބޭނުންވާ ކަންކަން ދެނެގަތުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ. މިމަސައްކަތްތައް ނިންމާ އަންނަ ހަފްތާ ނިމޭ ހިސާބުގައި އެ މީހުން ރަށަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

"ހާލަތު ބަދަލުވުމުގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅުން ބަދަލުކޮށް ވަޒަންވެރިވާން އެދޭ ފަރާތްތަކަށް ހިންގާ ޕްރޮގްރާމުގެ ދަށުން އެހީ ފޯރުކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު"ގައި ވާގޮތުން އެހީއަށް އެދޭ ފަރާތްތަކާއި އެހީ ފޯރުކޮށްދެވޭ ފަރާތްތަކުގެ ދަފުތަރެއް ޖެންޑަރ މިނިސްޓްރީން ބަލަހައްޓަންޖެހެއެވެ. މި ޕްރޮގްރާމްގެ ދަށުން އެހީއަށްއެދޭ ޚާއްސަ ފޯމު ހުށަހަޅަން ޖެހެނީ އެހީ އަށް އެދޭ ފަރާތުން ވަޒަންވެރިވާން އެދޭ ރަށުގެ ކައުންސިލަށެވެ.

މި ޤަވާއިދުގެ ދަށުން ދޭ މާލީ އެހީގެ ތެރޭގައި ހިމެނެނީ އެސްޓެބްލިޝްމެންޓު އެލަވަންސްގެ ގޮތުގައި ހަމަސް ވަންދެން އާއިލާއަކަށް 3000ރުފިޔާއެވެ. އަދި ވަޒަންވެރިވުމަށް ދަތުރުކުރާ ރަށަށް ދިޔުމަށް އެއްކޮޅު ޓިކެޓުގެ އިތުރުން އެމީހަކު ބަދަލުވާ ރަށެއްގައި އުޅޭނެ ގެދޮރު މަރާމާތު ކުރަން ޖެހިއްޖެނަމަ އެކަމަށް ހިނގާނެ ޚަރަދުގެ އިންސައްތައާއި އާއިލާގެ ހާލަތަށް ބަލައި ފަރުނީޗަރު ހޯދުމަށް ހިނގާނެ ޚަރަދުގެ ވަކި އިންސައްތައެކެވެ. ޖެންޑަރ މިނިސްޓްރީން ވިދާޅުވެފައިވަނީ ފަރުނީޗަރުތައް ހޯދުމަށާއި ގެދޮރު މަރާމާތުކުރުމަށްޓަކައި 20000 ރުފިޔާއަށްވުރެ މަތި ނޫން އަގެއްގައި ލޯން ދޫކުރާނެކަމަށެވެ.

އެހީއަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުންނަން ޖެހެއެވެ. އަދި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ.

މީގެ އިތުރުން އެ މީހަކީ މާލެ ސަރަހައްދުގައި ދިރިއުޅޭތާ މަދުވެގެން އަހަރެއްވެފައިވާ ދިވެއްސަކަށްވެސް ވާންޖެހެއެވެ. މި ޤަވާއިދުގައި ވާގޮތުން މާލީ އެހީ ދޭނަމަ އެމީހަކީ ފަޤީރުކަމުގެ ހާލަތު ދެނެގަތުމާ ގުޅޭގޮތުން އެންސްޕާއިން އާންމުކޮށްފައިވާ ގަވާއިދު ބުނާ މިންވަރަށްވުރެ މަދުން އާމްދަނީ ލިބޭ މީހަކަށް ވާންޖެހެއެވެ.

މި ޤަވާއިދުގައި ބުނެފައިވަނީ މިޕްރޮގްރާމްގެ ދަށުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެކަމަށެވެ. އަދި ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ ކަމަށެވެ.

މި ޤަވާއިދުގެ ދަށުން ބަދަލުވާ ފަރާތްތަކުގެ ހާލަތު އެއް އަހަރުވަންދެން މޮނިޓަރ ކުރާނެއެވެ. އަދި އެހީ ލިބޭ ފަރާތުން ކޮންމެ ތިންމަހުން އެއްމަހު، އެފަރާތެއްގެ ދިރިއުޅުމުގެ ހާލަތު ބަޔާންކޮށް އެކަމަށް ޚާއްސަ ފޯމު މެދުވެރިކޮށް އެ ދިރިއުޅޭ ރަށެއްގެ ކައުންސިލާ ހިއްސާކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

ބޯހިޔާވަހިކަމުގެ ދަތިތަކާ ކުރިމަތިވާ ފަރާތްތަކަށް އެހީވުމުގެގޮތުން ކުރިއަށް ގެންދާ މިޕްރޮގްރާމަކީ ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ. މިގޮތުން ފުރަތަމަ ފިޔަވަހި ޚާއްސަކުރަނީ މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނަށެވެ. އަދި ދެވަނަ ފިޔަވަހި ޚާއްސަކުރަނީ އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށެވެ.