ޚަބަރު

ކޯވިޑް-19 : ވެކްސިންގެ 2 ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 34،000އިން މައްޗަށް


ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ 2ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 34000 އިން މައްޗަށް އަރައިފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 5561 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.

އެޗް.ޕީ.އޭއިން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއިން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19 ދިފާޢު ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކޮށްފައިވާ 5561 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 3,901 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 1,660 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 34،531 އަށް އަރާފައެވެ.

ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 2740 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ވެކްސިން ޖެހި 2,509 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 231 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 277،522 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 4 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އޮތޮޅުތަކުން 240 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންވެސް ޖަހައިދެން ފަށާފައެވެ.

ރަމަޟާންމަހު ވެކްސިން ޖަހައިދިނުން ކުރިއަށްގެންދަނީ ރޭގަނޑުއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުންގެ ޢަދަދު އިތުރުވެ އެޗްޕީއޭއިން ވަނީ ވެކްސިން ޖަހައިދޭ ވަގުތުވެސް އިތުރުކޮށްފައެވެ. އެގޮތުން މިހާރު ވެކްސިން ޖަހައިދެމުން އަންނަނީ ރޭގަނޑު 21:00 އިން23:45އަށެވެ.

އެޗްޕީއޭއިން މިހާރު ވަނީ އެރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމަކާ ނުލާ ދަތުރުކުރެވޭނެ ގޮތް މިމަހުގެ 20 ފެށިގެން ހަމަޖައްސާފައެވެ.