ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ 2ޑޯޒް ފުރިހަމަކުރި މީހުންގެ ޢަދަދު 40 ހާހުން މައްޗަށް އަރައިފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ވަނީ 4936 މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައެވެ.
އެޗް.ޕީ.އޭއިން އެންމެފަހުން ޢާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެޑޯޒް ރާއްޖެއިން 4936 މީހުންވަނީ ފުރިހަމަކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ދެވަނަ ޑޯޒް ފުރިހަމަ ކުރި 3540 މީހުންނާއި އަތޮޅުތެރެއިން ދެވަނަ ޑޯޒް ޖެހި 1396 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މީހުންގެ ޖުމްލަ އަދަދު ވަނީ 40،230 އަށް އަރާފައެވެ.
ވޭތުވެ ދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1233 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުން ވެކްސިން ޖެހި 1،040 މީހުންނާއި މާލެ ސަރަހައްދުން ވެކްސިން ޖެހި 193 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ އަދަދުވަނީ 279،302 އަށް އަރާފައެވެ.
ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިމަހުގެ 3 ވަނަ ދުވަހުން ފެށިގެން އާއްމުކޮށް ހުޅުވާލައިގެން ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފެށިނަމަވެސް އެޗް.ޕީ.އޭއިން މީގެ ކުރިން ވަނީ ޚާއްސަ ހާލަތްތަކުގައި ތިބި މީހުންނަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައެވެ.
މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިންއާއި ކޮވިޝީލްޑް ވެކްސިން ޖަހަމުން އަންނައިރު މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް 4 މޯބައިލް ޓީމް އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަތޮޅުތަކުން 240 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހާދެމުންނެވެ. އަދި މިހާރު ވަނީ ފައިޒާ ވެކްސިންވެސް ޖަހައިދެން ފަށާފައެވެ.
ރަމަޟާންމަހު ވެކްސިން ޖަހައިދިނުން ކުރިއަށްގެންދަނީ ރޭގަނޑުއެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހަންދާ މީހުންގެ ޢަދަދު އިތުރުވެ އެޗްޕީއޭއިން ވަނީ ވެކްސިން ޖަހައިދޭ ވަގުތުވެސް އިތުރުކޮށްފައެވެ. އެގޮތުން މިހާރު ވެކްސިން ޖަހައިދެމުން އަންނަނީ ރޭގަނޑު 21:00 އިން23:45އަށެވެ. ވެކްސިން ޖެހުމަށްޓަކާ ދިގު ކިއުތަކެއްގައި ގިނަ ވަގުތުތަކެއް ހޭދަންކުރަންޖެހޭ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީންވަނީ ވިދާޅުވެފައެވެ.
އެޗްޕީއޭއިން މިހާރު ވަނީ އެރަށެއްގެ އާބާދީގެ 60 އިންސައްތައަށް ވެކްސިންގެ ޑޯޒްތައް ހަމަވެފައިވާނަމަ އެރަށަކަށް ކަރަންޓީންވުމަކާ ނުލާ ދަތުރުކުރެވޭނެ ގޮތް މިމަހުގެ 20 ފެށިގެން ހަމަޖައްސާފައެވެ.