ރާއްޖޭގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓެލައިޓުގެ މަސައްކަތް ފެށުމަށް ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށްގެންދާ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ތައްޔާރުވެއްޖެއެވެ. ޕްރޮޓޮޓައިޕް ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލާއި ގުޅޭ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެކެވެ.
އައިޖީއެސްގެ ޗެއަރމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ މި މިޝަންއަށް ބޭނުންވާ ފައިސާ ހަމަޖެހި، އަމަލީ މަސައްކަތް ފެށުމަށް މިހާރު ތައްޔާރުވެފައިވާކަމަށެވެ.
މިސެޓެލައިޓަށް ބޭނުންވާ ހާޑްވެއަރ ސަޕްލައިކޮށް ސެޓެލައިޓް ލޯންޗްކުރުމުގައި ފަންނީގޮތުން އެހީތެރިވެދިނުމުގެ އެއްބަސްވުމުގައި އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނާއެކު އައިޖީއެސްއިން މިދިޔަމަހުވަނީ ސޮއިކޮށްފައެވެ. މިއެއްބަސްވުމުގެ ދަށުން ސެޓެލައިޓް ލޯންޗް ކުރާނެ ޤައުމެއް ހަމަޖައްސައި އެޤައުމުގެ އެއަރ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުން އެހީތެރިވެދޭނެ ކަމަށް އައިޖީއެސްއިން މަޢުލޫމާތުދެއެވެ. އަދި ކޭއެސްއެފްއާއެކު ކުރިން ވެފައިވާ އެއްބަސްވުމެއްގެ ދަށުން ސެޓެލައިޓް ޑިޒައިންކޮށް، ލޯންޗްކޮށް، ސައިންޓިފިކް ރިސަރޗް ހަދަން އެމެރިކާގެ ތަޖްރިބާ ކާރުންގެ ޓީމަކުން 12 ދިވެހިން ތަމްރީން ކުރުމަށްވަނީ ހަމަޖެހިފައެވެ.
"މިޝަންގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް ވަރަށް އަވަހަށް އެފުރުސަތު ހުޅުވާލާނަން. ސެޓެލައިޓް އުފައްދާނީވެސް އަދި މުޅި މިޝަން ލީޑްކުރާނީވެސް ދިވެހި ޒުވާނުން. މިކަމަށް ބޭނުންވާ ތަމްރީން އަޅުގަނޑުމެން ފޯރުކޮށްދޭނަން". ރިފްއަތު ވިދާޅުވިއެވެ.
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަން ނިންމާފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކުއެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި، ޔޫރަޕިއަން ސްޕޭސް އެޖެންސީ (އީސާ)، އާއި މަޝްހޫރު ސްޕޭސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.