ކޯވިޑް-19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިމަކުރި މީހުންގެ އަދަދު 82،000އިން މައްޗަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ހާމަކުރައްވާފައިވާ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 5،904 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އެއީ އަތޮޅުތަކުން ދެވަނަ ޑޯޒް ޖެހި 2،823 މީހުންނާއި މާލެ ސަރަހައްދުގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 3،081 މީހުންނެވެ. މިއާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 82،827 އަށް އަރާފައެވެ.
އާދިއްތަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 1،186 މީހުންނެވެ. އެއީ އަތޮޅުތަކުން ވެކްސިން ފުރަތަމަ ޑޯޒް ޖެހި 846 މީހުންނާއި، މާލެ ސަރަޙައްދުންގައި ފުރަތަމަ ޑޯޒް ޖެހި 340 މީހުނެނެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދު ވަނީ އަދަދުވަނީ 292،413އަށް އަރާފައެވެ.
މިވަގުތު ގްރޭޓަރ މާލެ ސަރަޙައްދުގައި ވެކްސިންޖަހަމުން އަންނަނީ ސޯޝަލް ސެންޓަރާއި ނޭޝަނަލް އާޓް ގެލެރީއާއި ހުޅުމާލޭ ވެކްސިން ސެންޓަރާއި ވިލިމާލޭ ޒުވާނުންގެ މަރުކަޒާއި ސެނެހިޔާ ހޮސްޕިޓަލް ހިމެނެއެވެ. މިތަންތަނުގައި ވެކްސިން ޖެހުން ކުރިއަށްދަނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ރެއެއްގެ 9:00 އިން ފެށިގެން 11:45އަށެވެ.
ކިއުތައް ދިގުވުމުގެ ޝަކުވާތައް ބޮޑުވެ އެކަމަށް ޙައްލެއް ގެނައުމުގެ ގޮތުން މިހާރު ވަނީ ކިޔުބީ އެޕްލިކޭޝަނުން ނަމްބަރު ނަގައިގެން ވެކްސިން ޖަހަންޖެހޭ ގަޑިއަށް ވެކްސިން ސެންޓަރަށް ދާންޖެހޭ ގޮތަށް ކަންކަން އިންތިޒާމުކޮށްފައެވެ. މާލެ ސަރަޙައްދުގައި ވެކްސިން ދިނުމުގެ ކަންކަން 11 ސެންޓަރުގައި ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. އަދި އަތޮޅުތެރޭގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.