ރާއްޖެއިން އިތުރު 1572 މީހުން ކޯވިޑް-19އަށް ޕޮޒިޓިވް، ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ޢަދަދު 40000 އިން މައްޗަށްއަރައިފިއެވެ.
އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 1315 އަށް ވުރެ ގިނަ މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެޗްޕީއޭއިން މަޢުލޫމާތު ދެއްވި ގޮތުގައި މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދަކީ 844 އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00އާ ހަމައަށް އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަޙައްދުންނެވެ. އެގޮތުން މިއަދު 1315 މީހަކު މާލެ ސަރަޙައްދުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އަތޮޅުތަކުގެ ރަށްރަށުން 242 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓުތަކުން 15 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު މިވަނީ 40092 އަށް އަރާފައެވެ.
ރާއްޖޭގައި ކޯވިޑް ނުރައްކާ ބޮޑުވެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް މަތިވަމުންނެވެ. އެގޮތުން ވޭތުވެދިޔަ ދެ ދުވަހުވެސް ބައްޔަށް ޕޮޒިޓިވް މީހުންގެ އަދަދު ވަނީ 1500 އަށް މައްޗަށް އަރާފައެވެ. މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގެ ރަށްރަށުގައިވެސް ވަރަށް ހަލުވިކަމާއެކު މިބަލި އަންނަނީ ފެތުރެމުންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު 328 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 27123 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. ޕޮޒިޓިވް ކޭސްތައް އިތުރުވާން ފެށުމާއި ގުޅިގެން މިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންނާއި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާ މީހުންގެ ޢަދަދުތައްވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މިވަގުތު ބައްޔަށް 12873 މީހުން ފަރުވާ ހޯދަމުންދާއިރު މީގެތެރެއިން 263 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 5336 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި ރާއްޖެއިން 87 މީހުން ވަނީ ނިޔާވެފައެވެ. މީގެތެރޭގައި ހިމެނެނީ 74 ދިވެހިންނާއި 13 ބިދޭސީންނެވެ.