ޚަބަރު

ކޯވިޑް-19 ދިފާޢު : އިތުރު 2000 މީހުން ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި އިތުރު 2،000އަށްވުރެ ގިނަ މީހުން ކޯވިޑް-19ގެ ވެކްސިން ފުރިހަމަކޮށްފިއެވެ.

ކޯވިޑް-19އިން ދިފާއުވުމަށް 2 ޑޯޒް ޖަހައި ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދު މިހާރު ވަނީ އެއް ލައްކަ ފަންސާސް ހަ ހާހަށްވުރެ މައްޗަށް އަރާފައެވެ.

ހޮނިހިރު ދުވަހު ވެކްސިން ޖެހުމުގެކަންކަން މާލޭއާއި އަތޮޅުތަކުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކުގައިވަނީ ކުރިއަށްގެންގޮސްފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)ގެ ތަފާސްހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހު ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިންގެ 2ވަނަ ޑޯޒް ޖެހީ 2،056 މީހުންނެވެ. މިއާއެކު ރާއްޖޭގައި ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމުލަ ޢަދަދު މިވަނީ 156،002އަށް އަރާފައެވެ.

އެންމެފަހުން ރަށްރަށުގައި 1،511 މީހުން ވެކްސިންގެ 2 ވަނަ ޑޯޒް ޖަހާފައިވާއިރު، މާލެގައި ދެވަނަ ޑޯޒް ޖަހާފައިވަނީ 545 މީހުންނެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އަތޮޅުތަކުގައި ވެކްސިންގެ ފުރަތަމަ ޑޯޒް 143 މީހުން ވަނީ ޖަހާފައެވެ. އަދި މާލެ ސަރަޙައްދުގައި ވެކްސިންގެ ފުރަތަަމަ ޑޯޒް ޖަހާފައިވަނީ 306 މީހުންނެވެ. މިއާއެކު ރާއްޖެއިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 305،850 އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް ވެކްސިން ޖަހަމުން އަންނައިރު، މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 11 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 4 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 240 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިންދެމުންނެވެ.