ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާ ދެމުންދިޔަ ބަލިމީހަކަށް އޭނާގެ އާއިލާގެ ފަރާތުން އެހީތެރިއެއްގެގޮތުގައި ހަމަޖައްސާފައިވާ މީހަކު އަނިޔާކުރި މައްސަލަ ފުލުހުން މިހާރު ބަލަމުންދާކަމަށެވެ. އަދި މިކަމާގުޅިގެން އެ އެހީތެރިޔާ ހުޅުމާލޭ މެޑިކަލް ފެސިލިޓީން މިހާރު ބޭރުކޮށްފައިވާކަމަށާ، މިކަން ބަލިމީހާގެ ޢާއިލާއަށްވެސް އަންގާފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ މެޑިކަލް ޓީމުން އެ ބަލިމީހާގެ ކަންކަން މިހާރު ބަލަމުންދާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.
Police is attending to a reported case of abuse against a patient by the family appointed caretaker at HMF.
— Mabrook Azeez (@MvSpokesperson) May 26, 2021
The bystander has been removed and the family has been informed.
HMF medical is attending to the patient.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް ބަލިމީހަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ބަލަން ފަށާފައިވާއިރު، އޭނާއަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފައެވެ. އެ ވީޑިއޯގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ މީހަކަށް އޭނާގެ އެހީތެރިޔާގެ ގޮތުގައި ހުރި ބިދޭސީއަކު އޭނާގެ މޫނުމަތީ ޖަހާ މަންޒަރު ފެނެއެވެ. އަދި ވީޑިއޯގައި ދުވަސްވީ މީހާ ރޯ އަޑުވެސް އިވެއެވެ.
މިކަމާ ގުޅިގެން ފުލުހުން ވިދާޅުވީ، ހުޅުމާލޭ މެޑިކަން ފެސިލިޓީގައި އޮތް ދިވެހި ބަލިމީހަކަށް އެމީހާގެ ޢާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި އެހީތެރިޔަކު އަނިޔާކުރި މައްސަލައެއް މިއަދު އެ މެޑިކަލް ފެސިލިޓީން ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މިއަދު 4:30ގައި މިމައްސަލަ ހުށަހެޅުމާއެކު، މައްސަލައިގެ ތުހުމަތުގައި ޢުމުރުން 31 އަހަރުގެ ބަންގަލަދޭޝް ފިރިހެނެއް ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
އަނިޔާކުރި ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއެކު ގިނަ ބަޔަކު އަންނަނީ މިކަން ކުށްވެރިކޮށް، މިކަން ކުރި ފަރާތާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ. ރާއްޖޭގައި ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން އިތުރުވެފައިވާއިރު، މި ބައްޔަށް އެންމެ ގިނަ ބަޔަކަށް ފަރުވާދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލީޓީގައެވެ.