ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރަން ފަށައިފި


މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގި މއ.މޯނިންގ ވިއު ގޭގައި ދިރިއުޅޭ އާއިލާތަކަށް ވަގުތީ ހިޔާ ހަޖެއްސުމުގެ މަސައްކަތް ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ފަށައިފިއެވެ.

ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން 5 އާއިލާއަކަށް ވަގުތީ ހިޔާ ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. މި 5 އާއިލާގައި ޖުމްލަ 32 މީހުން އެބަތިބިކަމަށާއި މިވަގުތު އެއާއިލާތައް ގެސްޓްހައުސްތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަން ވިދާޅުވިއެވެ.

ޙިސާން ވިދާޅުވީ، މި 32 މީޙުންގެ ތެރޭގައި 3 މީހަކު ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަމަށާއި އެމީހުންވެސް އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ހެލްތް ޕްރޮޓަކްޝަން އެޖެންސީގެ އުސޫލްތަކާ އެއްގޮތަށް ކުރަމުން އަންނަކަމަށެވެ.
އަދި ބާކީތިބި 29 މީހުން ގެސްޓް ހައުސްތަކަށް ބަދަލުކުރާނެކަމަށް ޙަސަން ވިދާޅުވިއެވެ.

"މިވަގުތު އެޙީ ފޯރުކޮށްދެނީމި 5 އާއިލާއެއްގެ 32 މީހަކަށް، މީގެތެރެއިން ތިންމީހުން ފިޔަވައި އެހެން އެންމެން ގެސްޓްހައުސްތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިމިހާރުވަނީ، އަލިފާން ރޯވި ގޭގެ އިންސްޕެކްޝަން ހެދުމަށްފަހު ގޭގައި ދިރި އުޅެވޭ އާއިލަތައް ގެއަށްބަދަލުކުރާނަން" ޙިސާން ޙަސަން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ގެއްލުން ލިބުނު އާއިލާތަކަށް ބޭނުންވާ ޒަރޫރީ އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށެވެ.

މއ.މޯނިންގ ވިއު ގޭގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 5:00 ހާއިރުއެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއްނުވެއެވެ. މިހާދިސާ ހިނގީ މއ.މޯނިން ވިއުގެ 3 ވަނަ ފަންގިފިލާގައެވެ.

އަލިފާން ރޯވުމާއެކު އެގޭގައި ތިބި މީހުން ވަނީ އެވަގުތު އެތަނުން ބޭރަށް ނިކުމެފައެވެ. އަދި ބޭރަށް ނުކުންނަށް އުޅުމުގެ ތެރޭގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.