ޚަބަރު

ކޯވިޑް-19 : ވޮލެންޓިއަރުންގެ ގޮތުގައި، ނަރުސްކަން ކިޔަވަމުންދާ 68 ދަރިވަރުން


ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ސިއްޙީ އެހީތެރިންނަށް ބޭނުންވެފައިވާ މި ދަނޑިވަޅުގައި ނަރުސްކަން ކިޔަވަމުންދާ 68 ދަރިވަރުން މަސައްކަތުގެ މާޙައުލަށް ވޮލެންޓިއަރުންގެ ގޮތުގައި ނެރެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ސިއްހީ އެހީތެރިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ މި ޙާލަތުގައި ނަރުސްކަމުގެ ތައުލީމާއި ތަމްރީން ހޯދަމުންދާ ބައެއް ނަރުހުން މިހާތަނަށް މަސައްކަތަށް ނެރެފައިވާކަމަށެވެ. އެގޮތުން ސިއްޙީ އެހީތެރިންނަށް އިތުރު ލުއިތަކެއް ދިނުމުގެ ގޮތުން ނަރުސްކަން ކިޔަވަމުންދާ 68 ދަރިވަރުން މިމަސައްކަތަށް މިހާރު ނެރެފައިވާއިރު އިތުރު ކުދިންތައްވެސް މަސައްކަތަށް ނެރުމަށް ހަމަޖެހިފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފެށުމުގެ ނަތީޖާއަކަށްވީ ސިއްޙީ ދާއިރާގައި މަސައްކަތްތެރިންނަށް ނުކަތާވަރަށް މަސައްކަތްތައް އިތުރުވުމެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް އެޗްޕީއޭއިންވަނީ އާންމުންގެ އެހީތެރިކަމަށް އެދިފައިވެއެވެ. އެގޮތުން، އާންމުންގެ ތެރެއިން ޝައުގުވެރިކަން ހުރި ފަރާތްތައް ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތަށް ހުޅުވާލުމުން މިކަމަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެޗްއީއޯސީން ވަނީ ހާމަކުރައްވާފައެވެ.

ކޯވިޑް-19ގައި ރާއްޖެ އޮތް ނާޒުކު ފައްތަރުން އަރައިގަތުމަށް ސިއްޙީ އެހީތެރިން އިންތިހާއަށް ބޭނުންވެފައިވާއިރު އިތުރަށް މިދާއިރާއިން މީހުން ތަމްރީނު ކުރުމަށް ވަގުތު ނެތްކަމަށާއި، ސިއްޙީ ދާއިރާއިން އިތުރު މީހުން ފަސްޓް އެއިޑަށާއި އެހެނިހެން ކަންތައްތަކަށް އެހީތެރިވުމަށް ތަމްރީނުކުރުމުގެ ބަދަލުގައި އިސްކަންދޭންވީ މި ޙާލަތުން އަރައިގަތުމަށް ކަމަށް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ އިބްރާހިމް ޝިހާމް ވިދާޅުވިއެވެ. އަދި ސިއްޙީ ފަރުވާއަކީ ވަކި ޚާއްސަ ތަމްރީނުތަކާއި އިލްމެއް ލިބިގެން ކުރެވޭ މަސައްކަތަކަށް ވުމާއެކު، ވޮލެންޓިއަރުންގެ ގޮތުގައި ތިއްބަވާ ސިއްޙީ އެހީތެރިންނަކީ އެކި ކަންކަމަށް ޚާއްސަވެފައިވާ އެކަމުގެ ތަޖްރިބާ ހުރި ބޭފުޅުން ކަމަށްވެސް ޝިހާމް ވިދާޅުވިއެވެ.

ކޯވިޑް-19ގެ މި ބަލި ތަހައްމަލްކުރަމުންދާ ސައުވީސްހާސް ހާހަށްވުރެ ގިނަ މީހުން މިހާރު ރާއްޖޭގައި ތިބި އިރު، މިވަގުތު ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި އެގާރަ މީހުންނަށް އަންނަނީ ފަރުވާދެމުންނެވެ. އަދި ހުޅުމާލޭ ކޯވިޑް ފެސިލިޓީގެ އައިސީޔޫގައި ހަ މީހަކަށް ފަރުވާދެމުން އަންނައިރު ވެންޓިލޭޓަރުގައި ހަތަރު މީހަކަށް އަންނަނީ ފަރުވާދެމުންނެވެ.