ޚަބަރު

ކޯވިޑް-19 : މިއަދު 648 މީހުން ޕޮޒިޓިވްވެ ރެކޯޑް އަދަދެއްގެ މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން އިތުރު 648 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 2000އަށްވުރެ ގިނަ މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ޕޮޒިޓިވްވި 648 މީހުންގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނެވެ. އެގޮތުން މާލެ ސަރަހައްދުން 349 މީހުން ޕޮޒިޓިވް ވެފައިވާއިރު ރަށްރަށުން ޕޮޒިޓިވްވީ 270 މީހުންނެވެ. އަދި ރިސޯޓުތަކުން ވަނީ 13 މީހަކު ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން ރިސޯޓުގެ ގޮތުގައި ތަރައްޤީކުރާ ރަށްރަށުން 16 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 66،516އަށް އިތުރުވެފައެވެ.

ހުސްވި މެއި މަސް ނިމުނުއިރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 24،000އިން މަތީގައި ހުރިނަމަވެސް ބަލިޖެހިގެން ރިޕޯޓުކުރާ އަދަދު ކޮންމެވެސް ވަރަކަށް ދަށްވަމުންދާތީ މިހާރު މިބަލީގައި ފަރުވާ ހޯދާމީހުންގެ ޢަދަދުވަނީ 22،000އަށް ދަށްވެފައެވެ. އެގޮތުން މިބަލީގައި މިހާރު ފަރުވާ ހޯދާ މީހުންގެ ޢަދަދު އުޅެނީ 22،375ގައެވެ.

ރާއްޖޭގައި ކޯވިޑް-19އަށް އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދު 200އިން ދަށްވުމަށްފަހު އަނެއްކާވެސް މިވަނީ ކޮންމެވެސްވަރަކަށް އިތުރުވެފައެވެ. މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުންގެންދަނީ 213 މީހުންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ރެކޯޑް އަދަދަކަށް މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 2180 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ އެއް ދުވަހެއްގައި އެންމެ ގިނަ މީހުން ރާއްޖޭގައި މިބަލިން ރަނގަޅުވި ދުވަހެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 43،959 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި 3،832 ސާމްޕަލެއް ވަނީ ނަގާފައެވެ. ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 173 މީހަކު ވަނީ ނިޔާވެފައެވެ.