ކުޅިވަރު

އަޔަލެންޑާ އާއި ޔޫކްރެއިންއަށް މޮޅެއް


ރޭ ކުޅުނު ބައިނަލް އަގުވާމީ އެކުވެރިކަމުގެ މެޗުތަކުން އަޔަލެންޑާއި ޔުކްރެއިން މޮޅުވެއްޖެއެވެ. ރަށުންބޭރުގައި އަޔަލެންޑް މޮޅުވީ އެންޑޯރާ އަތުން 4-1 ލަނޑުންނެވެ.

މެޗުގެ ދެވަނަ ހާފްގައި ލަނޑުތައް ފެނިގެންދިޔައިރު އެންޑޯރާ އިން ލަނޑެއް ޖަހައިފަވަނިކޮށް އަޔަލެންޑްއިން ނަތީޖާ ހަމަހަމަކުރީ ޕަރޮޓްއެވެ. އޭނާ އިތުރު ލަނޑެއް ޖަހާ އަޔަލެންޑަށް ލީޑު ނަގައި ދީފަވަނިކޮށް ލީޑް އިތުރަށް ފުޅާކޮށްދިނީ ނައިޓް އަދި ހޯގަންގެ ލަނޑުތަކުންނެވެ. މިމޮޅާއެކު 11 މެޗުން އަޔަލެންޑް މޮޅެއް ނުލިބި އޮތުން ވަނީ ނިމުމަކަށް އައިސްފައެވެ. މިއީ އެޓީމު ކޯޗު ސްޓެފަން ކެނީގެ ކޯޗުކަމުގައި އަޔަލެންޑް ހޯދި ފުރަތަމަ މޮޅެވެ. ހުކުރު ދުވަހު ފަށާ ޔޫރޯގެ ކުރިން އަންގާރަދުވަހު އެކުވެރިކަމުގެ ފަހު މެޗުގައި އަޔަލެންޑް ނުކުންނާނީ ހަންގޭރީއާ ދެކޮޅަށެވެ. ޔޫރޯގެ އެޓީމު ހިމެނޭ ގުރޫޕްގެ ފުރަތަމަ މެޗުގައި އަޔަލެންޑް ނުކުންނާނީ އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށެވެ.

ރޭ އެކުވެރި ކަމުގެ މެޗެއްގައި ޔޫކްރެއިން ވަނީ މޮޅެއް ހޯދާފައެވެ. އަމިއްލަ ދަނޑުގައި ޔުކްރޭން މޮޅުވީ ނޮދަންއަޔަލޭންޑާ ވާދަކޮށް 1-0 ލަނޑުންނެވެ. މެޗުގައި ޔުކްރޭން ޖެހި ހަމައެކަނި ލަނޑު މެޗުގެ 10ވަނަ މިނިޓުގައި ކާމިޔާބުކޮއްދިނީ ޒުބަކޯވްއެވެ. ޔޫރޯ އަށް ތައްޔާރުވުމުގެ ގޮތުން ފަހު މެޗުގައި ހޯމަދުވަހުގެރޭ ޔޫކްރެއިން ނުކުންނާނީ ސައިޕްރަސްއާ ދެކޮޅަށެވެ. ޔޫރޯގައި އެޓީމު ހިމެނޭ ގުރޫޕްގައި ޔުކްރޭން ފުރަތަމަ މެޗުގައި ވާދަކުރާނީ ނެދަލެންޑާ ދެކޮޅަށެވެ.