ރާއްޖެއިން އިތުރު 412 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދުވަނީ 67،950އަށް އަރާފައެވެ.
އެޗް.ޕީ.އޭއިން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި 412 މީހުންގެ ތެރޭގައި ހިމެނެނީ، 377 ދިވެހިންނާއި، ބަންގްލަދޭޝްގެ 20 މީހަކާއި، އިންޑިޔާގެ 6 މީހަކާއި ލަންކާގެ 5 މީހެއްގެ އިތުރުން ނޭޕާލްގެ 2 މީހަކާއި މިސްރާއި ފްރާންސް މިދެ ޤައުމުން ކޮންމެ ޤައުމަކުން އެކަކެވެ. ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އަލަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 239 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 162 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 11 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 67،950 އަށްވަނީ އަރާފައެވެ.
މެއި މަސް ނިމުނުއިރު ބަލި ޖެހިފައިވާ މީހުންގެ ޢަދަދު 24000އިން މަތީގައި ހުރިނަމަވެސް، މިހާރު ބަލިޖެހިގެން ރިޕޯޓުކުރާ އަދަދުވަނީ ދަށްވާން ފަށާފައެވެ. އަދި ކޮންމެ ދުވަހަކު ބަލިން ރަނގަޅުވާ މީހުންގެ އަދަދު އިތުރުވުމުގެ ސަބަބުން މިހާރު މިބަލީގައި ފަރުވާ ހޯދާމީހުންގެ އަދަދު ވަނީ 19،000އަށް ދަށްވެފައެވެ. އެގޮތުން މިބަލީގައި މިހާރު ފަރުވާ ހޯދާ މީހުންގެ އަދަދު އުޅެނީ 19،670ގައެވެ.
ރާއްޖޭގައި މިބަލީގަ އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދުވެސްވަނީ ދަށަށް ގޮސްފައެވެ. މިވަގުތު އެޑްމިޓްކޮށްގެން ފަރުވާދޭ މީހުންގެ އަދަދަކީ 166އެވެ. މިވަގުތު 17 މީހުންނަށް އައިސީޔޫގައި ފަރުވާދެމުންދާއިރު، މީގެތެރެއިން 10 މީހަކަށް ފަރުވާދެމުންގެންފދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 753 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 48،086 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް 5،082 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ. އަދި ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ރާއްޖެއިން މިހާތަނަށް 185 މީހަކު ވަނީ ނިޔާވެފައިވެއެވެ.