ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާ ދެމުންގެންދިޔަ ދިވެއްސަކު ނިޔާވެ މިބަލީގައި ނިޔާވި މީހުންގެ ޢަދަދު 193އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ކޯވިޑް ބަލީގައި އެންމެ ފަހުން ނިޔާވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް)ގައި ފަރުވާދެމުންދިޔަ އުމުރުން 84 އަހަރުގެ ދިވެހި އަންހެނެއްކަމަށެވެ. އެނާ ނިޔާވީ މިއަދު ހެނދުނު 09:55 އެހާއިރުއެވެ.
ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 193 މީހުންގެ ތެރޭގައި ހިމެނެނީ 176 ދިވެހިންނާއި 17 ބިދޭސީންނެވެ.
ކޯވިޑް ބަލީގައި ރާއްޖެއިން އެންމެ ފަހުން މީހަކު ނިޔާވެފައިވަނީ އިއްޔެ ހެނދުނުއެވެ. އެއީ ފަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންގެންދިޔަ 60 އަހަރުގެ އަންހެނެކެވެ. އޭޕްރީލް މަހުގެ 28ވަނަ ދުވަހުން ފެށިގެން ޖޫން 5އާ ހަމައަށް ފާއިތުވި 5 ހަފްތާގައި ޖުމްލަ 111މީހުން ރާއްޖޭގައި ކޯވިޑް ޖެހިގެން ނިޔާވިއެވެ.
ބަލީގަ ބޮޑުވަރުވެ ނިޔާވި ގިނަ މީހުންނަކީ ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދި މީހުންނެވެ. ނިޔާވި މީހުންގެ %80އަކީ މިގޮތަށް ދާއިމީ ކޮންމެވެސް ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހުންކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ވިދާޅުވިއެވެ.
އޭޕްރީލް މަހުގެ ފަހު ދެހަފްތާއިން ފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑްގެ ރާޅުގައި އެތައް ބަޔަކު ޕޮޒިޓިވްވެ ރެކޯޑް އަދަކަށް މިބަލީގައި މީހުންވަނީ ނިޔާވެފައެވެ.
ހާލަތު މެނޭޖްކުރުމަށް އެޅި ފިޔަވަޅުތަކާއެކު ބަލިޖެހޭ މީހުންގެ ޢަދަދު މިހާރުވަނީ 200އަށް ދަށްކުރެވިފައެވެ.