ރާއްޖެއިން އިތުރު 224 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ, ބަލިން ރަނގަޅުވި މީހުންގެ ޢަދަދު 60،000 އިން މައްޗަށް އަރައިފިއެވެ.
މިއަދު މިބައްޔަށް މާލެ ސަރަޙައްދުން ޕޮޒިޓިވްވެފައި ވަނީ 113 މީހުންނެވެ. ބަލިޖެހިގެން ފަރުވާ ހޯދާ މީހުންގެ ޢަދަދު މިހާރުވަނީ 9،000އަށް ތިރިވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭގެ ތަފާސް ހިސާބަށް ބަލާއިރު ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00 އިން ފެށިގެން އާދީއްތަ ދުވަހުގެ އިރުއޮއްސި 6:00 ޖެހުމާއި ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 224 މީހުންނެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 113 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 104 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 7 މީހެކެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ 70،301އަށް އިތުރުވެފައެވެ.
✳️ COVID-19 : Case Updates pic.twitter.com/cnjizkxNVo
— Health Protection Agency (@HPA_MV) June 13, 2021
ވޭތުވެދިޔަ 24 ގަޑިއިރު ޕޮޒިޓިވްވީ މީހުންނާއެކު މިވަގުތު ރާއްޖޭގައި ބަލިޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދުވަނީ 9،326އަށް ދަށްވެފައެވެ. މީގެތެރެއިން 88 މީހަކަށް ފަރުވާދެމުން އަންނަނީ އެޑްމިޓްކޮށްގެންނެވެ.
އެޗްޕީއޭއިން ހާމަކުރި އެންމެ ފަހުގެ 24 ގަޑިއިރުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އަލަން ބަލިން ރަނގަޅުވީ 1937 މީހުންނެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 60،769އަށް އިތުރުވެފައެވެ. މި ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 3734 ސާމްޕަލް ވަނީ ޓެސްޓުކޮށްފައެވެ.
ބަލި ޖެހިގެން މިހާތަނަށް 197 މީހަކު ނިޔާވެފައިވާއިރު އޭގެތެރޭގައި ހިމެނެނީ 180 ދިވެހިންނާއި 17 ބިދޭސީންނެވެ.