ލޯކަލް ކައުންސިލްތަކުގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ގޮތުގައި ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށާއި ސިވިލް ސަރވިސްގެ ޤާނޫނަށް ގެމަނަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަޢީދު ހުށައެޅުއްވި އިޞްލާހުގެ ބިލުތައް އަނބުރާ ގެންގޮސްފިއެވެ.
މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރިޔާސަތުން ވިދާޅުވީ މެންބަރު ސަޢީދު އިއްޔެ އެބިލުތައް އަނބުރާ ގެންގޮސްފައިވާކަމަށެވެ.
މިބިލްތައް އަނބުރާ ގެންގޮސްފައި މިވަނީ ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގައި ކައުންސިލްގެ ލަފާ ހޯދަން ނުޖެހޭ ގޮތަށް ހުށައެޅުއްވި އިޞްލާހަށް ސަރުކާރުން ތާޢީދު ނުކުރާކަން ހާމަކޮށްފައިވަނިކޮށެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުން ގެނެސްފައިވާ ބޮޑެތި އިޞްލާހުތަކުގެ ތެރޭގައި ވަނީ ކައުންސިލްތަކުގެ އިދާރީ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލުން ކަމަށް ބަޔާކޮށްފައެވެ. އަދި އެމަޤާމަށް މީހަކު އައްޔަންކުރަން ވާނީ ކައުންސިލްގެ ލަފާގެ މަތިން ސިވިލް ސާރވިސް ކޮމިޝަނުންކަމަށް މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނުގައިވެއެވެ.
ނަމަވެސް ގެމަނަފުށި ދާއިރާގެ މެންބަރު އަޙްމަދު ސައީދު ހުށައެޅުއްވި އިސްލާޙުގެ ބިލްތަކުގައިވަނީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހަކު އައްޔަންކުރަންވާނީ ސިވިލް ސާރވިސް ކޮމިޝަނުންކަމަށެވެ. އަދި އެކަމުގައި ކައުންސިލްގެ ލަފާ ހޯދަންޖެހުން ވަނީ އުނިކޮށްފައެވެ.
ސަރުކާރުން ވިދާޅުވެފައިވަނީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަންކުރުމުގައި، ކައުންސިލްގެ ލަފާހޯދުމަށް ޤާނޫނުގައި މިހާރު ލިޔެވިފައި އެވަނީ ސަރުކާރުން ގެނައި މުހިންމު އިސްލާޙާއެކުކަމަށެވެ. ސަރުކާރުގެ ވިސްނުމަކީ އެގޮތަށް އެކަން ކުރުންކަމަށްވެސް ރައީސް އޮފީހުން ވަނީ ވިދާޅުވެފައެވެ.