ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ތަންތަން ކަނޑައަޅަނީ 10 އަހަރުގެ މުއްދަތަކަށެވެ. އެ މުއްދަތަށްފަހު އެތަނެއް ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ޙިމާޔަތްކޮށް ބެލެއްހެއްޓިފައިވާ މިންވަރު ދެނެގަތުމަށް ޚާއްސަ ސަރވޭތަކެއް ކުރެއެވެ. އަދި އެކަމުގެ މަޢުލުމާތުތައް ޔުނެސްކޯއަށް ފޮނުވަން ޖެހެއެވެ. ނަތީޖާ ރަގަޅުނަމަ އެތަނެއް އަނެއްކާވެސް ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ކަނޑައެޅި އެނަން ދެމެހެއްޓިދާނެއެވެ. ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް މިހާރު މިވަނީ މިމަރުޙަލާއަށް އައިސްފައެވެ. ޔުނެސްކޯއިން ބ.ބަޔޮސްފިއަރ ރިޒާވް، ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ކަނޑައެޅިތާ 10 ވީއެވެ.
ޔުނައިޓެޑް ނޭޝަން އެޑިއުކޭޝަން އެންޑް ސައެންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒެޝަން (ޔުނެސްކޯ)އިން ބަޔޮސްފިޔަރ ރިޒާވްގެ ގޮތުގައި ރާއްޖޭގައި ޙިމާޔަތް ކޮށްފައިވަނީ ޤުދުރަތީގޮތުން ހިތްގައިމު އަދި އެތަންތަނުގެ ބޭނުން އެކި ގޮތްގޮތައް ކޮށްގެން ނަފާ ހޯދޭނޭ ތަންތަނެވެ. ބ.އަތޮޅު، ބަޔޮސްފިއަރ ރިޒާވްއެއްގެ ގޮތުގައި 10 އަހަރު ވޭތުކުރިއިރު މިކަން ދެމެހެއްޓެނިވި ގޮތެއްގައި މިއަދާ ހަމައަށް އައިސްފައި މިއޮތީ އެއަތޮޅުގެ ރައްޔިތުންގެ ފަރާތުން މިކަން ދެމެހެއްޓުމަށް ފުރިހަމަ އެއްބާރުލުން ލިބިގެންނެވެ. ބ.އަތޮޅުގައި ޙިމާޔަތްކޮށް ބަލަހައްޓަމުން ގެންދާ ތަންތަނަކީ މަސްވެރިން މަސްވެރިކަން ކުރުމަށް ކުރިން އެންދެމި ފަރުފަރާއި ހާހަލާއި ގިރިގިރިއެވެ. އަދި ބައެއް ފަޅުރަށްތަކާއި އެނޫންވެސް ކަނޑުގެ ދިރުން މުއްދަނދި ހިތްގައިމު ތަންތަން މީގެތެރޭގައި ހިމެނޭއެވެ. އޭގެތެރޭގައި ހިމެނޭ ބައެއް ތަންތަނަކީ ފަންގި ވިނުމަށް ފަންހޮވުމާއި ދަރުކޮށި ރައްތަކެވެ.
ބ.އަތޮޅުގެ އެތައްބަޔަކު ކުރިންކުރި މިހުރިހާ ކަމެއް ޤުރުބާންކޮށް ދެމެހެއްޓެނިވި ގޮތެއްގައި މިތަންތަން ބެލެހެއްޓުމަށް ހަދާފައިވާ ޤަވާއިދުތަކާ އެއްގޮތައް އަމަލުތައް ބެހެއްޓުމުގެ ނަތީޖާ ވަރަށްވެސް ފޮންޏެވެ.
"ހިމާޔަތްކޮށްފައިވާ ތަންތަނުން ލިބޭ ޢާމްދަނީން އަތޮޅުގެ ރައްޔިތުންނަށް ފައިދާ ހުރި ކަންކަމަށް ހަމަޖައްސައި، ދެމެހެއްޓެނިވި ގޮތެއްގައި އެރަށްތަކަށް ފައިސާ ލިބޭގޮތައް މިހާރު ވަނީ ރާވާފައި. މިތަންތަނުން ލިބޭ ފައިސާ ވަންނާނީ ބ.އަތޮޅު ކޮންޒަވޭޝަން ފަންޑަށް. މި ފަންޑުގެ ދަށުން 2015ވަނަ އަހަރު ވާނީ ބައެއް ޖަމްޢިއްޔާ ޖަމާއަތްތަކަށް ރަށްރަށުގެ އިޖްތިމާއީ ކަންކަން ހިންގުމަށް ފައިސާ ދޫކޮށްފައި. އަދި މިއަހަރު އަތޮޅުގެ ކޮންމެ ރަށެއްގައި ބަޔޮސްފިއަރ ރިޒާވާ ބ.އަތޮޅު ކައުންސިލް ގުޅިގެން ކޮންމެ ރަށެއްގައި ދެރޫމްގެ އެޕާޓްމަންޓްއެއް ހެދުމުގެ މަސައްކަތް މިހާރުވަނީ ފަށާފައި މިކަމަށް ކޮންޒަވޭޝަން ފަންޑުން 3 މިލިއަންރުފިޔާ ވަނީ ޙަރަދުކޮށްފައި." ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވިއެވެ.
ބ.އަތޮޅުގައި 10 ސަރަޙައްދެއް ބަޔޮސްފިއަރ ރިޒާވްގެ "ކޯއޭރިއާ"ގެ ގޮތުގައި ކަނޑައަޅާފައި އެބައޮތެވެ.
ހަނިފަރު ހިމެނޭ ސަރަހައްދު ޙިމާޔަތްކޮށްފައިވަނީ ދުނިޔޭގެ ފެންވަރުގައި އެންމެ ގިނައިން އެއްތަނަކަށް އެންމަޑިއާއި ފެހުރެހި އެއްބާ އެއް ސަރަޙައްދަށް އެތަން ވާތީއެވެ.
ބ.ގޮއިދޫ ކޯރު ސަރަހައްދު ޙިމާޔަތްކޮށްފައިވަނީ ބ.އަތޮޅުގައި އޮތް ޗަސްބިންތަކުގެ ތެރެއިން ދިރުން، އެންމެ މުއްސަދި ސަރަހައްދުކަމަށް އެތަންވާތީއެވެ. އަދި އެއީ ރާއްޖޭގެ އެންމެ ބޮޑު އެއް ޗަސްބިމަށްވާތީ ރާއްޖޭގައި ދިރިއުޅޭ އަދި ހިޖުރަކުރާ ގިނަ ޢަދަދެއްގެ ދޫނިސޫފާސޫފި އުޅޭ ސަރަހައްދަކަށް އެތަން ވާތީއެވެ.
މަތިފަރު ހުރާ ޙިމާޔަތްކޮށްފައިވަނީ، ހަރު މުރަކައާއި މަޑު މުރަކަ ފެންނަތަނަކަށްވެފައި ގިނަ އަދަދަކަށް ފާނަ ފެންނަ ސަރަހައްދަކަށް އެތަންވާތީއެވެ. އަދި އެއީ ފާނަ ވިހައި އާލާވާ ސަރަޙައްދެއްކަމަށް ފަހަގަކުރެވޭތީއާއި ހުރާ ގަނޑަށް އަންނަ ތަފާތާއެކު ވެލާ ބިސްއަޅާ ސަރަހައްދެއްގެގޮތުގައިވެސް އެތަން ފާހަގަކުރެވެއެވެ. މިތަން ޙިމާޔަތްކޮށްފައި އޮތީ 2011ވަނަ އަހަރުގެ ޖޫން މަހުގެ 5ވަނަ ދުވަހުން ފެށިގެންނެވެ.
މާހުރުވަޅި ސަރަޙައްދު ޙިމާޔަތްކޮށްފައިވަނީ، އިންޓަރނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން ފޯ ނޭޗަރ ރަތް ލިސްޓިގައި ހިމެނޭ ގިނަ ދިރުންތައް އުޅޭ ސަރަހައްދެއްގެ ގޮތުގައި ވާތީއެވެ. މިއީ ބ.އަތޮޅުގައި އެންމެ ގިނަ ޢަދަދަކަށް މަސް ވިހާ ސަރަހައްދުގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ބަތަލާހުރާ އާއި އެތަނުގެ ވަށައިގެންވާ ފަރު ޙިމާޔަތްކޮށްފައިވަނީ އެއީ މުރަކައިގެ މުއްސަނދި ކަމެއް ލިބިފައިވާ ހިތްގައިމު ސަރަޙައްދަކަށްވާތީއެވެ. އަދި މިއީ އެންމަޑި ފެންނަ ސަރަޙައްދެއްވެސް މެއެވެ.
ކޯބިން ނައު އަޑިއަށް ގޮސްފައިވާ ސަރަޙައްދު ޙިމާޔަތްކޮށްފައިވަނީ މުހިންމު ޑައިވިން ރެކަކަށް ވާތީއެވެ. ކޯބިން ނަވަކީ 28 މެއި 1601ވަނަ އަހަރު ރިއްސާއި ގަހަނާ ހިފައިގެން ވިޔަފާރި ދަތުރަކަށް ފުރި ފަރަންސޭސި ވިލާތަށް ނިސްބަތްވާ 400 ޓަނުގެ ނަވެކެވެ. ޖެހުނު ކޮޅިގަނޑެއްގައި 2 ޖުލައި 1602ވަނަ އަހަރު ގޮއިދޫ ނުވަތަ ހޮސްބަގު ސަރަހައްދަށް އެ ނައު އަޑިއަށް ގޮސްފައިވެއެވެ.
މެންދޫ ސަރަހައްދު ނުވަތަ މެންދޫ، ތަނބުރުފަރު، ނިބިލިގާ ފިނޮޅު، އަދި މެންދޫ ބިންމަތިފަރު ސަރަހައްދު ޙިމާޔަތްކޮށްފައިވަނީ އެއީ ގިނަ ޢަދަދަކަށް މަސްމަހާމެހީގެ ތަފާތު ވައްތަރު އުޅޭ ސަރަހައްދެއްކަމަށް ވާތީއެވެ. މިސަރަޙައްދުގައި ހިމެނޭ ދެރަށް ކަމަށްވާ މެންދުއާއި ނިބިލިގި ފިނޮޅަކީ ވެލާ ކަހަނަބު ބިސްއަޅައި އަދި ދޫނި ބިސްއަޅާ ސަރަހައްދެކެވެ.
އަނގަފަރަކީ ގިނަ ޢަދަދަކަށް މާނބަޑު މިޔަރު ފެންނަ ސަރަހައްދެކެވެ. އަދި މިޔަރު ވިހައި އާލާވާ ތަނެއްގޮތައް ފާހަގަކުރެވެއެވެ.
ދިގަލި ހާ ނުވަތަ ދިގަލި ގިރި، މިއީ ބ.އަތޮޅުގައި އެންމެ ފުރަތަމަ ޙިމާޔަތްކުރި އެއް ސަރަޙައްދެވެ. މި ސަރަޙައްދަކީ މުރަކައިގެ ދިރުންގިނަ ގުދުރަތީ ރީތިކަމެއް ލިބިފައިވާ، މުއްސަދި ސަރަހައްދެކެވެ. މިތަން މަޝްހޫރުވެފައި އޮންނަނީ ވެލައާއި ކަނހަބައި މިޔަރާއި ފަރުތޮޅި، ގިނަ ޢަދަދަކަށް ފެންނަ ސަރަހައްދެއްގެގޮތުގައެވެ.
ބ.އަތޮޅުގެ ދެނުކު ބިތުގައި އޮންނަ އޮޅަގިރި އަކީ ޅޮސްގަސް ގިނަ ރަށެކެވެ. އެރަށް ޙިމާޔަތްކޮށްފައިވަނީ ގިނަ ޢަދަދަކަށް ހޯރަ އަރާ ރަށަކަށް ވާތީއެވެ. އަދި ދިވެހި ބޭސްވެރިކަމަށް ބެނުންކުރާ ފަތްޕިލާވެލީގެ ބާވަތްތައް ގިނަ ޢަދަދަކަށް މިރަށުގައި ހެދިފައިވެއެވެ.
ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ބ.އަތޮޅު އެންމެ ފުރަތަމަ ކަނޑައެޅީ 28 ޖޫން 2011 ގައެވެ. މިއަދާ ހަމައަށް އައިރު މި ރިޒާވް ޙިމާޔަތްކޮށް ދެމެހެއްޓުމުގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ އެކަންކުރަން ބޭނުންވާ މުހިންމު ވަސީލަތައް އެކަށީގެންވާ މިންވަރަށް ނެތުމެވެ. އަދި މަސައްކަތް ކުރާނެ ރަގަޅު އޮފީހެއް ނެތުމާއި މުވައްޒަފުންގެ ދަތިކަން ފާހަގަކޮށްލެވެއެވެ.
ޙިމާޔަތްކޮށް ބަލަހައްޓަމުން ގެނދާތަންތަން މަޝްހޫރުވެ، މަޤްބޫލްވަމުން އަންނައިރު މިތަންތަނަށް ޒިޔާރަތް ކުރާ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިފަދަ ތަންތަނުގެ ތެރެއިން އެންމެބޮޑު ޢާމްދަނީއެއް ލިބޭ އެއްތަނަކީ އެންމެ ގިނައަދަދަކަށް އެންމަޑި އާއި ފެހުރެހި ފެންނަ ހަނިފަރުބޭއެވެ.
ވޭތުވެދިޔަ 10 އަހަރުދުވަހުގެ ތެރޭގައި އެތަނަށް 40،000އށްވުރެ ގިނަ ފަތުރުވެރިންވަނީ ޒިޔާރަތްކޮށްފައެވެ. މިއީ ބ.އަތޮޅުގެ ފަތުރުވެރިކަމުގެ ޓްރޭޑް މާކެވެ.
ބަޔޮސްފިއަރ ރިޒާވެއްގެގޮތުގައި ތަންތަން ކަނޑައަޅާ މުއްދަތުކަމަށްވާ 10 އަހަރުގެ ދުވަހުގެ މުއްދަތު ހަމަވެ، އިތުރަށް މިގޮތުގައި އެއަތޮޅު ދެމެހެއްޓުމަށް ޔުނެސްކޯއަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަހަރުވަނީ ފަށާފައެވެ. އަދި އެމަސައްކަތް ނިންމައި މިއަހަރުގެ ސެޕްޓެމްބަރު މަހު ޔުނެސްކޯއަށް ހުށަހަޅާނެއެވެ.
މިހާރު އެކަމަށްޓަކައި ކުރަމުންގެންދާ މަސައްކަކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބ.އަތޮޅު ބަޔޮސްފިއަރ ރިޒާވް އޮފީހުގެ އައުޓް ރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ، ބ.އަތޮޅުގައި ހުރި ހުރިހާ ފަރެއްގެ އިކޮލޮޖިކަލް ސާވޭއެއް ކޮށްފައިވާކަމަށެވެ. މީގެ އިތުރުން ހިމާޔަތްކޮށްފައިހުރި ހުރިހާ ރަށްރަށާއި ބައެއް ފިނޮޅުތަކުގެ ސާވޭއެއްވަނީ ކޮށްފައިކަމަށެވެ.