ޚަބަރު

އިތުރު 80 މީހުން ކޯވިޑަށް ޕޮޒިޓިވް، ހޮސްޕިޓަލްގައި 23މީހުން


ރާއްޖެއިން އިތުރު 80 މީހުން ކޯވިޑަށް ޕޮޒިޓިވްވެ 142 މީހުން ބަލިން ރަނގަޅުވެއްޖެއެވެ. މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ޖުމްލަ ޢަދަދުވަނީ 75،816 އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން އެންމެފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 6:00އިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 80 މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 16 މީހުންނާއި، އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 56 މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 8 މީހުންނެވެ. މިއަދަދުތަކާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު ވަނީ 75،816 އަށް އަރާފައެވެ.

ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަރަށް ބޮޑަށް މަދުވެފައިވާއިރު، މާލެ ސަރަޙައްދުން ރިޕޯޓުކުރާ ކޭސްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. އަދި ރަށްރަށުން ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މިއާއެކު މިބައްޔަށް މިވަގުތު ފަރުވާ ހޯދާ މީހުންގެ ޢަދަދުވެސް އުޅެނީ 3000 އިން ދަށުގައެވެ. މިވަގުތު މިބައްޔަށް ފަރުވާ ހޯދަމުންދަނީ 2،516 މީހުންނެވެ. އަދި އެޑްމިޓްކޮށްގެން މިހާރު ފަރުވާ ދެމުންދަނީ 23 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 142 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 73،072 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލި ދެނެގަތުމަށް 6،928 ސާމްޕަލެއް ވަނީ ޓެސްޓުކޮށްފައެވެ.

ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު 75،816 އަށް އަރާފައިވާއިރު ކޯވިޑް ބަލީގައި ރާއްޖެއިން މިހާތަނަށް 216 މީހުން ވަނީ ނިޔާވެފައެވެ.