ޚަބަރު

ހުޅުވިތާ އަހަރެއްފަހުން ފުރަތަމަ ފަހަރަށް އެޗްއެމްއެފްގައި ބަލިމީހަކު ނެތް!


ޚިދުމަތްދޭން ފެށިތާ އަހަރަކަށްވުރެ ގިނަ ދުވަސްފަހުން، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާދޭ އެއްވެސް މީހަކު މިވަގުތު ނެތްކަމަށް ހުޅުމާލެ ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީއާކީ ރާއްޖެއިން ކޯވިޑް-19 ފެނުމާއި ގުޅިގެން ކޯވިޑަށް ފަރުވާ ދިނުމަށް ޚާއްސަކޮށްގެން މާލެ ސަރަޙައްދުގައި ހޮސްޕިޓަލެއްގެ ފެންވަރުގައި ޤާއިމްކުރި ފުރަތަމަ ފެސިލިޓީއެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފުރަތަމަ ފަހަރަށް މީހަކު އެޑްމިޓްކޮށް ފަރުވާދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ 7 ވަނަ ދުވަހުއެވެ.

ކޯވިޑް ބަލީގައި ހާލުބޮޑުވާ މީހުންނަށް ވަކި ޚާއްސަ ތަނެއްގައި ފަރުވާ ދިނުމަށް ސިފައިންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން އޭރު ހުޅުމާލޭގައި ޤާއިމުކުރި މި މެޑިކަލް ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުންވެސް ބަލީގައި ބޮޑުވަރުވާ މީހުން ގެނެސް އެތަނުގައި ވަނީ ފަރުވާދީފައެވެ.

އަހަރަކަށްވުރެ ގިނަ ދުވަސްވަންދެން ހަމައެކަނި ކޯވިޑް ބަލިމީހުންނަށް ފަރުވާދެމުން އައި މި ފެސިލިޓީއަކީ ފަހުގެ ތާރީޚެއްގައި ދުނިޔެއާ ކުރިމަތިވި އެންމެ ބޮޑު ބަލިމަޑުކަމާއި ރާއްޖެއިން ކުރިމަތިލާން ޖެހުނުއިރު މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި އެކަށީގެންވާ ފަރުވާދިނުމަށް ޤައިމްކުރެވުނު ތަނެކެވެ.

މިބަލީގައި އެޑްމިޓްކުރަން ޖެހުނު އެތައްބަޔަކު ފަރުވާދިނުމާއި، ރާއްޖޭގެ ނިސްބަތުން އެތައް ބަޔަކު މިބަލީގައި ނިޔާވެގެންދިޔައީވެސް މި ފެސިލީޓީގައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އެންމެ މީހުން ގިނަވީ އަދި އެންމެ ނުރައްކާތެރި ދަރަޖައަކަށް ދިޔައީ ރާއްޖެއަށް އެންމެ ފަހުން ކުރިމަތިވި ކޯވިޑް ރާޅުގައެވެ. މިދިޔަ އޭޕްރީލްމަހުގެ ފަހުކޮޅުން ފެށިގެން ރާއްޖެއަށް ކުރިމަތިވި ކޯވިޑް ރާޅުގައި ދުވާލެއްގެ މައްޗަށް 2000 އަށްވުރެ ގިނަ މީހުން ޕޮޒިޓިވްވި ދުވަސްތައްވެސް ފާހަގަކުރެވުނުއިރު އޭރުވެސް އެންމެ ގިނަ މީހުންނަށް ފަރުވާދެމުން ދިޔައީ މި ފެސިލިޓީގައެވެ.

މާލެ ސަރަހައްދުގެ އާބާދީ ބޮޑުވުމާއި ގިނަ ބަޔަކު ޕޮޒިޓިވްވަމުންދިޔައީވެސް މާލެ ސަރަހައްދުގައިކަމުން އޭގެތެރެއިން ހާލަތު ސީރިއަސްވި ގިނަ މީހުންނަށް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔައެވެ. އެގޮތުން ބަލީގެ ހާލަތު އެންމެ ގޯސްވިއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 300އާ ގާތްކުރާ އަދަދަކަށް ވަނީ މީހުންނަށް ފަރުވާ ދީފައެވެ.

މިއަދު އެޗްއެމްއެފްގައި އެޑްމިޓްކޮށް ފަރުވާދޭ މީހަކު ނެތްނަމަވެސް މިދިޔަ ދަތި އުނދަގޫ މުއްދަތުގެ ތެރޭގައި އެތަނުގައި މަސައްކަތްކުރި ފަރާތްތަކުގެ އިޚްލާސްތެރި ޚިދުމަތްތަކުގެ އަގު ވަޒަންކުރާކަމަށް ފެސިލިޓީގެ ކަންކަން ބަލަހައްޓާ ހުޅުމާލެ ހޮސްޕިޓަލުން ބުނެއެވެ. ޚާއްސަކޮށް އެންމެ ބޭނުން ޖެހުނު ވަގުތު ބަލި މީހުންނަށް ހޭހަންކޮށްދިނުމަށް ނިކުތް ހުރިހާ ވޮލެންޓިއަރުންގެ ޚިދުމަތް އެހޮސްޕިޓަލުން ފާހަގަކުރައްވައެެވެ.

ފަރުވާދިނުމުގައި އެންމެ ބޮޑު ގޮންޖެހުމަކަށް ކުރިމަތިވީ އެޑްމިޓްކުރާ މީހުންގެ ޢަދަދު އިތުރުވެ، ފަރުވާދޭން ތިބި ސިއްޙީ އެހީތެރިން މަދުވުމުގެ މައްސަލައެވެ. މީގެ ސަބަބުން ބަލިމީހުންނަށް އެންމެ ބޭނުންވި މިންވަރަށް އަޅާނުލެވި ދިޔަކަމުގެ ޝަކުވާތައްވެސް އޭރު ފެންމަތިވިއެވެ.

އެންމެފަހުން އެތަނުންދޭ ފަރުވާގެ ކަންކަން ހަމަޖެއްސުމަށްޓަކައި ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތްކުރާނެ މީހުން ހޯދަން ސަރުކާރުން ހުޅުވާލިއެވެ. އަދި އެކަމަށް އިޖާބަދީ އެތަނުގައި މަސައްކަތްކަރެއްވާ ޑޮކްޓަރުންނާ ނަރުހުންނަށް އެހީވުމަށް 1000 އަށްވުރެ ގިނަ މީހުން ބައިވެރިިވިއެވެ. ނަމަވެސް އޭގެ މާގިނަ ދުވަސްތަކެއްނުވެ ކޯވިޑްގެ ހާލަތު ރާއްޖޭގައި ރަނގަޅުވާން ފެށިއެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ ގިނަ ޑޮކްޓަރުންނާއި ނަރުހުންނާއި އެނޫންވެސް ސިއްޙީ އެހީތެރިންނަކީ ރާއްޖޭގެ މައި ހޮސްޕިޓަލު ކަމުގައިވާ އައިޖީއެމްއެޗްގެ މުވައްޒަފުން ކަމުގައިވުމުން އާންމު ބަލިތަކަށް ފަރުވާދިނުމަށާއި ކޯވިޑްގެ ބަލިމީހުންނަށް ފަރުވާދިނުމުގައި ގޮންޖެހުންތަކަކާ ކުރިމަތިވިނަމަވެސް އެ ފަރާތްތަކުން ދިޔައީ ޗުއްޓީއެއް، އޮފް ދުވެހެއް ނެތި 24 ގަޑިއިރު އެތަނުގައި ޚިދުމަތްދެމުންނެވެ.

އަހަރަކަށްފަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑަށް ފަރުވާދޭ ބަލި މީހަކު ނެތްނަމަވެސް މިއީ އަދި މިބަލީގެ ނުރައްކާ ނެތްކަން ސާބިތުވާކަމެއް ނޫނެވެ. ސަބަބަކީ ކޯވިޑްބަލި ކުރިމަތިވަނީ ރާޅުރާޅަށްކަމުން މިހާރުވެސް ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެ ރަނގަޅަށް އަމަލުނުކުރެވިއްޖެނަމަ ގިނަ ބަޔަކު ޕޮޒިޓިވްވެ ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އަދިވެސް އޮތުމުންނެވެ.

ކޯވިޑްގެ ހާލަތު ރަނގަޅުވެފައިވާ މި ދަނޑިވަޅަކީ ރާއްޖެއަށް މިވަގުތު ލިބިފައިހުރި ވެކްސިން ޖަހައި، މިބަލީން ރައްކާތެރިކަން ހޯދަންއޮތް ރަނުގެ ފުރުސަތެއްކަން ހާމަކޮށް ސިއްޙީ މާހިރުން ގެންދަނީ އެކަމަށް އިލްތިމާސްކުރައްވަމުންނެވެ. އެގޮތުން މާދަމާ ވެކްސިން ޖެހުމުގެ ބޮޑު ކެމްޕެއިނެއް ފަށަން ސަރުކާރުން ވަނީ ތައްޔާރުވެފައެވެ.

ކޯވިޑް ވެކްސިން ޕްރޮގްރާމްގައި ރާއްޖެއިން ބޮޑު ކާމިޔާބީއެއް ހޯދާފައިވީނަމަވެސް އަދިވެސް ވެކްސިންޖެހޭ އާބާދީގެ 27 އިންސައްތަ މީހުން ވެކްސިންގެ އެއްވެސް ޑޯޒްއެއް ޖަހާފައި ނުވާތީ އެފަރާތްތަކުން ވެކްސިން ޖެހުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.