ޚަބަރު

ތުޅާދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފަށަނީ


ދެހާހަށްވުރެ ބޮޑުއާބާދީއެއް އޮންނަ މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ އަކީ އަބަދުވެސް ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވަމުން އަންނަރަށެކެވެ. އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އާދިލް ވިދާޅުވީ ތުޅާދޫ ރަށްގިރުމާ ރާޅު ބޮޑުވާ ދުވަސްތަކުގައި ރަށުގެ ދެކުނުފަރާތުގައި ދިރިއުޅޭ މީހުންނަށް އުންދަގޫވުމުގެ ޝަކުވާ އަބަދުވެސް ލިބޭކަމަށެވެ. އެކަމަށް ހައްލުހޯދުމަށް މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

ގޮނޑުދޮށާއި ކައިރި ސަރަހައްދުތަކުގައި ދިރިއުޅޭ މީޙުން ބުނާގޮތުން ރާޅު ބޮޑުވާ ދުވަސްތަކުގައި ލޮނުގެ އަސަރުކޮށްގެން ބޮޑެތި ގެއްލުންތަކެއް އެމީހުންނަށް ދަނީ ލިބެމުންނެވެ. އަދި ސަރުކާރުގެ ސަމާލުކަމަށް އެކަން އެރައްޔިތުން ގެނަސްފައިވާކަމަށްވެސް އެމީހުން ބުނެއެވެ.

ތުޅާދޫގައި ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީން ފަށަން ތައްޔާރުވެފައިވާއިރު ބައެއް ގޭގެއާއި ގޮޑުދޮށާ ދެމެދު ފަންސާހަކަށްފޫޓްވެސް ނުހުންނާނެއެވެ. އަދި އެސަރަހައްދު ގިރާތީ އެކަން ހުއްޓުވުމަށް ރަށުން އިމާރާތްކުރުމަށް ތަޅާލާ ގެތަކުގެ ގާތައް އެސަރައްހައްދަށް ވަނީ ޖަމާކޮށްފައެވެ. އަދި އެސަރައްދުގައި ހުރި ބައެއް ރުއްގަސް ގިރައިގެންގޮށްފައިވާކަމަށް އެސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ބުނެއެވެ.

މިމައްސަލައަށް ހައްލެއް ގެނައުމަށް ތުޅާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވެ، އެމަސައްކަތަށް ބޭނުންވާ ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، ކޮނުމަށްފަހު ބިންގަޑު އެއްވަރުކުރަން 11,700 ކިއުބިކް މީޓަރުގެ ވެލިބޭނުންކުރުމާއި، ބެޑު ތައްޔާރުކުރުމާއި، 280 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 10.13 މިލިއަން ރުފިޔާގެ ހަރަދުވާނޭކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެމްޓީސީސީގެ މަސައްކަތްތައް ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައި ދަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން 50 އަށްވުރެ ގިނަ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް އެކުންފުނިން ދަނީ ކުރަމުންނެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މައްސަކަތް ފެއްޓުމަށް ތައްޔާރުވަމުންދާއިރު، އެރަށުގައި ސަރުކާރުން ހަދާ 100 ހައުސިން ޔުނިޓްގެ މަސައްކަތްވެސް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ފާހަގަކުރެވެއެވެ.