ޚަބަރު

ބޮމުގެ ހަމަލާގެ ޝަރީއަތް ފަށާ، ވަކީލުން އައްޔަންކުރަން ފުރުސަތު ދީފި


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގައި ދައުވާކުރާ 2 މީހުނަށް ވަކީލުން ހޯދުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ދީފިއެވެ. މި މައްސަލައިގެ އަޑުއެހުންތައް ފަށާފައިވަނީ މިއަދުއެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ދައުވާ އުފުލާފައިވަނީ ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32) އަދި ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް (27)ގެ މައްޗަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ކޯޓުގައި ފަށާފައިވަނީ ބަންދުގެ މުއްދަތުގެ މަޖިލީހަށް މި މީހުން ހާޒިރުކުރުމަށްފަހު ވަގުތު އޮތުމުންނެވެ. އާއްމުކޮށް ހުޅުވާ ނުލާ ކުރިޔަށް ގެންދިޔަ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބޭ މީހުންނަށް މައްސަލައިގެ ލިޔެކިޔުންތައް ލިބިފައިވޭތޯ ޝަރީއަތުން ވަނީ ސާފުކޮށްފައެވެ. ދައުވާ ލިބޭ ހަތަރު މީހުންވެސް ބުނީ ދައުވާއާއި ގުޅޭ ހުރިހާ ލިޔެކިޔުންތައް އެމީހުންނަށް ލިބިފައިވާކަމަށެވެ.

މި މައްސަލާގައި އިބްތިދާއީ އަޑުއެހުމަށް މުޖާޒް އަހުމަދާއި ތަހުމީން އަހްމަދު ހާޒިރުކޮށްފައިވަނީ ވަކީލުންނާއި އެކުއެވެ. އަދުހަމް އަހްމަދާއި އަލީ ހައިޝަމް ވަކީލަކު އައްޔަންކުރަން ބޭނުންވާކަމަށް ބުނުމުން އެމީހުންނަށް ވަކީލަކު އައްޔަންކުރުމަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. މި މައްސަލާގައި ގިނަ ލިޔެކިޔުންތަކެއް ހުރުމުން އެތަކެތި ދިރާސާކުރުމަށް އެކަށީގެންވާ ފުރުސަތެއް ދިނުމަށް މުޖާޒް އަހުމަދާއި ތަހުމީން އަހްމަދުގެ ވަކީލުން އެދުމުން ކޯޓުން ވަނީ ފުރުސަތު ދީފައެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ 4 މީހުންގެ ތެރެއިން އަލީ ޙައިޝަމް ފިޔަވާ ދެން ތިބި އެމްމންގެ ބަންދުގެ މުއްދަތު ޝަރީއަތް ނިމެންދެން ކޯޓުން މީގެކުރިން ވަނީ ޖަހާދީފައެވެ. މިއަދުގެ އަޑުއެހުމުގައި މި ތިން މީހުންގެ ބަންދުގެ މުއްދަތު އަލުން ރިވިއުކުރުމަށްފަހު ކޯޓުން ނިންމާފައިވަނީ މި މީހުންގެ ބަންދަށް ބަދަލެއް ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.

އަލީ ހައިޝަމް މިހާތަނަށް ހުރި 30 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުން ދައުލަތުން ވަނީ އެނާވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދިފައެވެ. ކޯޓުން ވަނީ އެ އަމަރު ދީފައެވެ.

ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ދަޢުވާ އުފުލާފައިވާ މީހުންގެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކްރިމިނަލްކޯޓުން ވަނީ އެކުލަވާލާފައެވެ.

މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ބޮމުުގެ ހަމަލާގައި ރައީސް ނަޝީދު އަވަހާރަކޮށްލަން ބޮން ގޮއްވާލި އަދުހަމްގެ މައްޗަށް 4 ދައުވާއެއް އުފުލާފައިވާއިރު، އޭނާއާއިއެކު ދައުލަތުން ވަނީ އިއުތިރާފް އެއްބަސްވުމެއް އެކުލަވާލާފައެވެ. އަދުހަމްގެ މައްޗަށް އުފުލާފައިވަނީ ހަތަރު ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެެ ދައުވާ އާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާ އާއި ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގައި ދެން ދައުވާކުރި މުޖާޒް އަހުމަދަކީ ހަމަލާގެ ފަހުން އަދުހަމްގެ ހެދުން ބަދަލުކޮށް ފިލައިގެން މާލޭގައި އުޅުމަށް އެހީތެރިވެދިން މީހާއެވެ. މުޖާޒު އަހުމަދުގެ މައްޗަށް އުފުލާފައިވަނީ ޓެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށާއި ކުށެއް ކޮށްފައިވާ މީހަކު ފިލުވުމަށް އެހީތެރިވެ ދިނުމުގެކުށެވެ. މި ދެ ކުށް ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 20 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިހަމަލާގައި ދެން ދައުވާކުރި އަލީ ހައިޝަމްއަކީ ސައިކަލްގައި ބޮން ހަރުކުރަން އަމަލީގޮތުން ބައިވެރިވި މީހެކެވެ. އަލީ ހައިޝަމްގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމަށް އެހީތެރިވެ ދިނުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އޭނާގެ މައްޗަށް މި ދައުވާތައް ސާބިތުވެއްޖެނަމަ 46 އަހަރުގެ ހުކުމެއް އަންނާނެއެވެ.

ތަހްމީން އަޙްމަދަކީ މިޙާދިސާގައި ހިމެނޭ ސައިކަލުގެ ވެރިފަރާތެވެ. އަދި މިސައިކަލަކީ އޭނާގެ ސައިކަލެއްކަން މިހާރު ވަނީ ކަށަވަރުވެފައެވެ. ތަހުމީނުގެ މައްޗަށް ހަތަރު ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގައި އެހީތެެރިވެ ދިނުމުގެ ދައުވާ އާއި ޓެރަރިސޓް ޖަމާއަތަކަށް ތާއީދު ކުރުމުގެ ދައުވާ އެވެ. މި ދައުވާތައް ސާބިތުވެއްޖެނަމަ 49 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.